ދިވެހި ކުޅުންތެރިންނަށް ދަނޑުން ބޭރުން މޯރަލީ ގިނަ ގޮންޖެހުން ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޓީމުތަކަށް އަސަރު ކުރާ ކަމަށް ގްރީންސްޓްރިޓްގެ ކޯޗް ސޮބާހު މުހައްމަދު ބުނެފި އެވެ.
އޭނާ ފާހަގަ ކުރި ގޮތުގައި، މިދިޔަ ހަފުތާގައި ކުޅުނު މެޗުތަކުގައި ޓީމުތަކުގެ މުހިންމު ދިވެހި ކުޅުންތެރިންގެ ފަރާތުންވެސް ފެނުނީ ދަށް ކުޅެމެކެވެ. ސޮބާ ބުނީ މައްސަލައަކީ ދަނޑުން ބޭރުން ކުޅުންތެރިންނަށް ކުރިމަތީވާ ގޮންޖެހުންތައް ކަމަށެވެ.
"އެންމެ ފުރަތަމަ ކުރިމަތިވި މައްސަލައަކީ ޓީމުތަކަށް މާލީ ގޮތުން ކުރިމަތިވި މައްސަލަތައް، އެކަމުގެ ސަބަބުން މުސާރައިގެ ކަންކަން ހަމަ ނުޖެހުމުން ޕާފޯމަންސް ދަށް ކޮށް ފެނުނީ، އެއްވެސް ކޯޗަކަށް މަޖުބޫރު ކޮށްގެން ކުޅުންތެރިޔެއްގެ ފަރާތުން ޕާފޯމަންސެއް ނުނެރެވޭނެ،"
ދެން މި ކުރިމަތިވީ ފުޓްސަލް މުބާރާތް، ފުޓްސަލް ކުޅެފައި އައިސް ޕްރެކްޓިހުގައި ވެސް ކުޅުންތެރިންނަށް ރަނގަޅަކަށް ޕާފޯމެއް ނުކުރެވޭ، ތިބެނީ ފިޓްނަސް ދަށް ވެފައި އެހެންވެ މެޗަށް ނިކުމެ ދަނޑު މަތީގައި ޕާފޯމަންސެއް ނުކުރެވޭނެ،" ގައުމީ ޓީމާއި ކުލަބު ލެވަލްގައި 100 އާ ގާތް ކުރާ އަދަދަކަށް އިންޓަނޭޝަނަލް މެޗު ކުޅެފައިވާ ސޮބާ ބުންޏެވެ.
ބައެއް ކުޅުންތެރިން ބުނާ ގޮތުން އޮފީހުގައި ވަޒީފާ އަދާ ކުރާތީ ފުޓްސަލް ކުޅުން އޮފީހުން މަޖުބޫރު ކުރެއެވެ. ނަމަވެސް ސޮބާ ބުނީ ލައްކައިން އަގު ކިޔަ ކުޅުންތެރިން މިކަމާމެދު ސަމާލުވާން ޖެހޭ ކަމަށެވެ.
"ކުލަބުން ލައްކައަށް ވުރެ މަތިން އަގު ދޭއިރު، ކުޅުންތެރިން ވެސް އެބަ ޖެހޭ މިކަމަށް ވިސްނަން، އޮފީހަކުން ދައުވަތެއް ދޭއިރު، ނުވަތަ ރަށަކަށް ކުޅެންދާން ދައުވަތު ދޭއިރު ކުޅުންތެރިން ވަރަށް ބޮޑަށް އެކި އޭންގަލްތަކުން ވިސްނަންޖެހޭ،"
އޭނާ ބުނީ ގައުމީ ޓީމު ކުޅުންތެރިންގެ އެޓިޓިޔުޑް، ކުޅުންތެރިން އަމިއްލައަށް ބަދަލު ކޮށްގެން ނުނީ ފުޓްބޯޅައިގައި ކުރިއަށް ނުދެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ގައުމީ ޓީމު ކާމިޔާބާ ހިސާބަށް ދިޔައީ އޭރުގެ ކުޅުންތެރިން އަމިއްލައަށް ވަކި އުސޫލުތަކެއްގައި ހިފެހެއްޓުމުން ކަމަށެވެ.
"ނުފެންނާންނެ އައްސަދު [އަބްދުލް ގަނީ] ފުޓްސަލް ކުޅެން އުޅެނިކޮށެއް، [މުހައްމަދު ޖަމީލް] ޖަމްބޭ، [އަހްމަދު ސައީދު] އަންމަޓީ [އަހްމަދު ތޯރިގް] ޓޮމް ފުޓްސަލް ކުޅެން އުޅެނިކޮށް ނުފެންނާނެ، އެއީ އޭރު އަޅުގަނޑުމެން އެގޮތުގައި ހިފެހެއްޓުމުން،" ރާއްޖެއަށް ފުޓްބޯޅައިގައި މިހަތަނަށް ހޯދައިދިން އެންމެ ބޮޑު ކަމިޔާބު ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުންޏެވެ.
އޭނަ ބުނީ އެންމެ ފަހުން މެޗުގައި ގްރީންސްޓްރީޓްގެ ގިނަ ކުޅުންތެރިންވެސް އޮތީ އެމައްސަލަ ކަމަށާއި، އެދެވޭ ކުޅުމެއް ފެނުނީ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ކަމަށެވެ. ނަމަވެސް، ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައި އެ ޓީމު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.
"ބޮޑެތި ބައެއް ނަންތައް ކަމަށްވާ ވިކްޓަރީ، ވެލެންސިއާ އަތް ވުރެ ކުރީގައި އޮވެވުމަކީ ގްރީން ސްޓްރީޓް ކަހަލަ އާ އަދި ކުޑަ ޓީމަކަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް." ސޮބާ ބުންޏެވެ.