ބޮލީވުޑް

މިއީ އަމީތާބް "ތަގްސް އޮފް ހިންދޯސްތާން" ގައި ފެނިގެންދާ ގޮތް ބާ؟

Apr 16, 2017

ސުޕަސްޓާ އާމިރް ޚާން އާއި މެގަސްޓާ އަމީތާބް ބައްޗަން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ތަގްސް އޮފް ހިންދޯސްތާން" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ.

މި ފިލްމުގައި އާމިރް ކުޅޭ ރޯލަށް ތައްޔާރުމުގެ ގޮތުން ތުނބުޅި ދޮގުކޮށް ވަނީ އޭނާގެ ލުކް ސިކުންގެ މީހަކާ ވަރަށް ވައްތަރުކޮށްފަ އެވެ. އަބަދުވެސް ކުޅޭ ފިލްމުތަކަށް އާމިރް އޭނާގެ ސިފަޔަށް ބޮޑު ބަދަލެއް ގެންނައިރު، އާމިރެކޭ އެއްގޮތަށް އަމީތާބް ވެސް މިވަނީ އޭނާގެ ސިފަ، ސިކުންގެ މީހަކާ ވައްތަރުކޮށް ހުރި ފޮޓޯއެއް އާންމުކޮށްފަ އެވެ.

ނުރަ ޖަހާފައިވާ ދިގު ތުނބުޅި އަކާއި ބޮލުގައި އޮރެންޖު ކުލައިގެ ފޮތިގަނޑެއްް އޮޅާފައި ހުއްޓާ އާމީތާބް ނަގާފައިވާ ފޮޓޯއެއް އާންމުވުމާއެކު މިއީ އަމީތާބް "ތަގްސް އޮފް ހިންދޯސްތާން" ގައި ފެނިގެންދާނެ ގޮތް ކަމަށް ވަނީ ބުނަން ފަށާފަ އެވެ.

އަދި އަމީތާބް ވެސް ވަނީ އޭނާގެ އެ ފޮޓޯ ޓްވީޓްކުރަމުން އޭނާ ސިކުންގެ މީހެއްގެ ގޮތުގައި ފެނުމުން އޭނާގެ މަންމަ ފަރާތު ކާފަ އާއި ބައްޕަ ފަރާތު ކާފަ ވަރަށް އުފާވާނެ ކަމަށް ބުނެފަ އެވެ.

ދިގު ތުނބުޅިއަކާ އެކު އަމީތާބް ސިފަޔަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، އޭނާގެ ފޭނުންވަނީ ސޯޝަލް މީޑިއާގައި މިއީ އާމިރާ އެކު ކުޅެން ތައްޔާރުވަމުން އަންނަ ފިލްމުގައި އަމީތާބްގެ ލުކް ކަމަށް ބުނެފަ އެވެ. އެއަށް ރައްދުދެމުން އަމީތާބް ވަނީ މިއީ އޭނާ އިއްޔެ ކުޅުނު އިޝްތިހާރެއްގައި ފެނިގެންދާނެ ގޮތް ކަމަށެވެ. އަދި "ތަގްސް އޮފް ހިންދޯސްތާން" ގައި ފެނިގެންދާނެ ގޮތް ނޫން ކަމަށެވެ.

ޔާޝް ރާޖް ފިލްމްސްއިން އުފައްދާ "ތަގްސް އޮފް ހިންދޯސްތާން" ގެ ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދި ހަމަޖެހިފައެއްނުވެ އެވެ. ބަތަލާގެ ރޯލު ޒުވާން ތަރިން ކަމަށްވާ ޝްރަދާ ކަޕޫރާއި އާލިއާ ބަޓް އަދި ވާނީ ކަޕޫރާއި ފާތިމާ ސަނާ ޝައިޚަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.