ބޮލީވުޑް

ޔާމީގެ އިންތިޒާރުގައި ހުންނަން ޖެހުމުން ރިތިކް ރަތަށް!

Apr 16, 2017

ޖެނުއަރީ މަހުގެ ފަހުކޮޅު ރިލީޒްވި ރިތިކް ރޯޝަން އާއި ޔާމީ ގޯތަމްގެ "ގާބިލް" ގައި މި ދެތަރިންގެ ފަރާތުން ފެނުނު ކެމިސްޓްރީގެ ފުރިހަމަ ކަމުން ބެލުންތެރިންގެ ހިތް ވަނީ އަތުލާފަ އެވެ.

ފިލްމު ރިލީޒްވިތާ ދެމަހަށް ވުރެން ގިނަ ދުވަސްވެފައި ވަނިކޮށް "ގާބިލް" ގެ ޓީމުން މިވަނީ އެ ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ހާއްސަ އިވެންޓެއް ބާއްވާފަ އެވެ. ބެލުންތެރިންނާއެކު މީޓް އެންޑް ގްރީޓް އިވެންޓެއްގެ ގޮތުގައި ބޭއްވި އެ ހަފްލާގައި ލީޑް ތަރި، ރިތިކާއެކު ބަތަލާ ޔާމީ ވެސް އޮތީ ބައިވެރިވާ ގޮތަށެވެ.

ނަމަވެސް އިވެންޓް ފެށުނުއިރު ވެސް ޔާމީ ދައްކާ ނުލިތާ އޭނާގެ ފޯނަށް ގުޅުމުން ޖަވާބު ވެސް ވަނީ ނުދީފަ އެވެ. އެގޮތުން ރިތިކް ވަނީ ފިލްމުގެ ޕްރޮޑިއުސަރު އަދި އޭނާގެ ބައްޕަ، ރާކޭޝް ރޯޝަން ވަނީ ޔާމީ އަންނަން ދެން އިވެންޓް ނުފަށައި އެތައް އިރަކު މަޑުކޮށްފަ އެވެ. އެންމެ ފަހުން ޔާމީ ނައުމުން އެކަމާ ރުޅިއައިސްގެން ރިތިކް ވަނީ ފޭނުންނާ ބައްދަލުކޮށް ފޮޓޯ ނަގައި އިވެންޓް ކުރިއަށް ގެންގޮސްފަ އެވެ.

އިވެންޓް ފެށިތާ ގަޑިއިރެއް ފަހުން ޔާމީ އެތަނަށް އައި ނަމަވެސް އޭނާ ފޭނުންނާ ބައްދަލުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ދިޔައީ ސީދާ ނޫސްވެރިންގެ ގާތަށެެވެ. އެތަނުގައި ރިތިކް އާއި ރާކޭޝްއާއެކު ފޮޓޯ ނެގުމަށް ފަހު ވަނީ އެތަނުން ގޮސްފަ އެވެ.

ޔާމީގެ އަމަލުތައް އެދުވަހު ހުރި ގޮތުން ރިތިކް ރުޅި އައި ނަަމަވެސް އެތަނުގައި އެއްވެސް އެއްޗެއް ބުނެ އެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހޯއަށް އަރުވަން ބޭނުން ނުވުމުން ހިމޭނުން ހުރި ނަމަވެސް ޔާމީ ކަންތައް ކުރި ގޮތުން އޭނާ ހުރީ ވަރަށް ރުޅި އައިސް އަދި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.