"ކުދިންގެ ޕާފޯމަންސް ޓޮޕް ހައެއްގައި ހުންނަން ޖެހޭ ލެވަލް އަށް ނައީމަ ކަޑަ، ރަނގަޅު ކުރާށޭ ކިޔާފަ ކޮމެންޓު ނުކުރާތީ ވެސް ކަޑަ، ދިމާލަށް ގޯހެކޭ ނުބުނޭ، އަބަދުވެސް ބުނަނީ ރަނގަޅު ކޮށްލާ ރީތި ކޮށްލާށޭ،" މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ ގަދަ ހައެއްގެ ބައިވެރިންގެ ހުށަހެޅުންތަކާއި ދެތެރޭ ހިންހަމަ ނުޖެހި ރޭ ޝޯއިން ނުކުމެގެން ދަމުން އަވަސް އިން ކުރި ސުވާލަކަށް ޖަޖު އިސްމާއިލް އައްފާން ރުޅި އައިސްފައި ދިން ޖަވާބަކީ މިއީ އެވެ.
އައްފާން ރޭގައި ޝޯ ދޫކޮށްލާފައި ނުކުމެގެން ދިއުމަކީ އެތައް ބަޔަކު ހައިރާންވެ ސުވާލުތަކުން ފުރާލި ކަމެކެވެ. އައްފާން ރުޅި އައުން ހައްގުތޯ ވެސް އެއީ ބައެއް މީހުން އުފެއްދި ސުވާލެކެވެ. ބައިވެރިން ބުނަނީ އައްފާން ރުޅި އައުން ހައްގު ކަމަށެވެ. ރޭގައި ދެއްކުނު ޕާފޯމަންސް ދަށް ކަމަށެވެ.
ރޭގެ ޝޯއިން އައްފާން ނުކުތީ ހުރިހާ ހުށަހެޅުންތަކަކަށްފަހު ބައިވެރިންނަށް ޖަޖު އުނޫޝާ ތައުރީފު ކުރަމުން ދަނިކޮށް، އެވަރަށް ބައިވެރިންނަށް ތައުރީފު ކުރަން ނުޖެހޭ ކަމަށް ބުނެ އުފެދުނު ހިޔާލު ތަފާތުވުންތަކުގަ އެވެ. ބައިވެރިންނަށް ތައުރީފުކޮށް ސަޕޯޓް ދޭން ޖެހޭ ކަމަށް އުނޫޝާ ބުނި ނަމަވެސް އައްފާން ރޭ ބުނީ، މި ލެވެލްގައި ބައިވެރިން ކުށް ކުރުމުން އެކަމަށް ހިތްވަރުދީ ސަޕޯޓް ދޭން ނުޖެހޭ ކަމަށެވެ. ބައިވެރިން އެއަށްވުރެ ހަރުދަނާވެ މިކަމަށް ހުސްވާން ޖެހޭނެ ކަމަށެވެ. އައްފާންގެ އެ ވާހަކަތަކަށް ކުޑަ އިއްބެ ވެސް ސަޕޯޓްކުރި އެވެ. އިއްބެ ބުނީ، އަބަދު ސަޕޯޓްކޮށް "ބުލްބުލް ހައްދަން" ނުޖެހޭ ކަމަށެވެ.
އައްފާން ރޭ އަވަސްއަށް ދިން އިންޓަވިއުގައި ބުނީ ބައިވެރިންގެ ލަވަ ހަޑިއްޔާ ހަޑިއޭ ބުނަން ޖެހޭ ކަމަށެވެ. ރީއްޗޭ، ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރާށޭ ކިޔާފައި ނަސޭހަތް ދޭން ނުޖެހޭނެ ކަމަށެވެ. ބައިވެރިން ދެރަކޮށްލަންޖެހޭ ވަގުތުތަކުގައި ދެރަކޮށްލަން ވެސް ޖެހޭނެ ކަމަށެވެ. އެނޫން ގޮތަކަށް ބައިވެރިން ކުރި ނާރާނެ ކަމަށެވެ.
"ޓޮޕް އަށެއްގައި ވެސް ފެނުނު މިއަށްވުރެ ރަނގަޅު ޕާފޯމަންސް، އެވަރުގެ އެއްޗެއް އެޓްލީސްޓް ބައިންދަން ޖެހޭނެ، ކުއްލިއަކަށް މީހާ ވަރަށް މޮޅު ނުވެދާނެ، އެކަމަކު އޭތި ގްރެޖުއަލީ ރައިޒް ވަމުން އައިސް ދަށްވީ،"
"ޕޮޓެންޝިއަލް ހުރި ކުދިން އެބަ ތިބި މާ ބޮޑަށްވެސް، އެކަމަކު އެކަމާ އުޅުނިއްޔާތާ ދޯ، ހުސް އެކަނި އެކަމާ އުޅުނިއްޔާ،" ބައިވެރިންގެ ހުނަރާއި ބެހޭގޮތުން އައްފާން ބުންޏެވެ.
އައްފާން ބުނީ، ޝޯއިން ނިކުތީ ބައިވެރިންގެ ހުށަހެޅުންތައް ކަމުނުދާތީ ކަމަށާއި އެހެން ޖަޖެއްގެ ކޮމެންޓްތަކުގެ ސަބަބުން ނޫން ކަމަށެވެ. އަދި އޭނާގެ ބޭނުމަކީ އުނޫޝާއާ ދެކޮޅުވުން ވެސް ނޫން ކަމަށެވެ. ބައިވެރިންގެ ލަވަތަކުގެ ފެންވަރު ދަށްވުމުން އޭނާއަށް ވަރަށް އަސަރުކުރި ކަމަށާއި އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އަމަލުން އެކަން ބައިވެރިންނަށް ދެއްކުން ކަމަށް އައްފާން ބުންޏެވެ.
"ވަރަށް ދެރަވި، ހީނުކުރާ ވަރަށް ޝޯ ދިޔައީ، ފެންކަޅިވި، ދެރަވި ވަރުން ނުކުމެގެން ދިޔައީ، ކުދިންނަށް އަސަރު ކުރާ ކަހަލަ ކޮމެންޓެއް ދެވިދާނެތީ، ނެތް ޕޮޒިޓިވް ކޮމެންޓެއް ދެވޭކަށް، ނެގަޓިވް ކޮމެންޓް ދެވެން އޮތީ، ބޭނުމެއް ނޫން އެމީހުން ޑީމޯޓިވޭޓް ކޮށްލާކަށް، ސޯ އިޓްސް ބެޓާ އެކްޝަނުން މެސެޖުތަކެއް ދިނުން،" ރޭގެ ޝޯ ދޫކޮށް ނުކުމެގެން ދިޔަ ސަބަބެއް ކަމަށް އައްފާން ބުނީ މިހެންނެވެ.
"ޖަޖު ކުރާއިރު އިއްބެއަކީ ވަކި މީހެއް، ކިޑީއަކީ ވަކި މީހެއް، މަށަކީ ވަކި މީހެއް، އެހެންވީމަ އައި ކާންޓް ސޭ އެނީތިން އެމީހުންގެ ޖަޖިން އަށް، ކިޑީ އަށް މިވެނި ތަންކޮޅެއް ކީ ގޮތް ހަޑިއޭ، އަހަންނަށް ބުނެވިދާނެ އެތަންކޮޅު ކީ ގޮތް ރީއްޗޭ، އެހެން އެ ބުނެވެނީ އެ ބައިވެރިޔަކާ ދިމާލަށް، އެއީ ކިޑީއަށް ބުނާ އެއްޗެއް ނޫން، އެކަމަކު ބައެއް މީހުންނަށް ހީވަނީ އެހެން ބުނަނީ ކިޑީއާ އިދިކޮޅު ވާންށޭ، އެހެން ޖަޖުންގެ ޖަޖިންނާ ދޭތެރޭ މައްސަލަ އެއް ނެތޭ، ޖަޖުންގެ ފަރާތުން ފެންނަ ސިމްޕަތީ ތަންކޮޅު އަހަންނަނށް ކަމު ނުދަނީ،"
އައްފާން ބުނީ ރޭގެ ހުށަހެޅުންތަކުގައިވެސް އެންމެ ބޮޑު މައްސަލައަކީ ލަވަ ކިޔުމަށްވުރެ ބޮޑަށް އެހެން ކަންތައްތަކަށް ބައިވެރިންގެ ސަމާލުކަން ދެވިފައި ހުރުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މިިދިޔަ އަހަރުގެ ގަދަ ހަޔަކާ ބަލާފައި އޯވަ ރޯލްކޮށް މިއަހަރުގެ ބައިވެރިން ލަވަ ކިޔުމަށް މޮޅު ކަމަށް އައްފާން ބުންޏެވެ.
"ވޯކަލީ ލަވަ ކިޔުމުން މަށަށް ރަނގަޅު މިއަހަރުގެ ބައިވެރިން މިދިޔަ އަހަރަށްވުރެ، އެކަމް މީއްޗަކީ ހަމައެކަނި ލަވަ ކިޔާ އެއްޗެއް ނޫން، މިދިޔަ އަހަރު ހުރި މިވެނި ކުއްޖަކު މޮޅޭ ބުނެވޭނެ ކުދިން ތިބި، މިއަހަރަކު ނެތް، އެއީ މިއަހަރު ހުރިހާ ކުދިންވެސް އެއްވަރު މޮޅު، ވަރަށް މޮޅު،" އައްފާން ބުންޏެވެ.
އައްފާން ބުނީ މި ސީޒަންގެ ބައިވެރިންގެ ތެރެއިން ގަދަ ހަތަރަކާ ހިސާބަށް ދިއުމުން އެންމެ މޮޅީ ކޮން ކުއްޖެއްކަން ލަފާކޮށްލާފައި ވެސް ބުނަން ނޭނގޭނެ ކަމަށެވެ.
މިރޭގެ ޝޯ ފެށުމަށް ކުޑަ ވަގުތުކޮޅަކަށްވެފައިވާއިރު ޝޯއިން އައްފާން ފެނިދާނެ ކަމާމެދު އަދި ވަކި ޖަވާބެއް ނުލިބެ އެވެ.