ދުނިޔެ

ޓްރަމްޕްގެ ސަޕޯޓަރުންނާއި އިދިކޮޅު މީހުން މެދު ތަޅާފޮޅުމެއް ހިނގައިފި

Apr 16, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މީހުންނާ އޭނާގެ ސަރުކާރާ ދެކޮޅު މީހުންނާ ދެމެދު ކެލިފޯނިއާ ސްޓޭޓްގެ ބާކްލޭގައި ތަޅާފޮޅުމެއް ހިނގައިފި އެވެ.

ރޮއިޓާސް ބުނީ އިއްޔެގައި ތަޅާފޮޅުން ހިނގީ ބާކްލޭގެ ކެލިފޯނިއާ ޕާކްގައި ޓްރަމްޕަށް ތާއީދުކުރާ މީހުން ބޭއްވި ހިނގައިލުމަކަށް ހުރަސް އަޅަން އިދިކޮޅު މަސައްކަތް ކުރުމުން ކަމަށެވެ. ދެބައިމީހުން އެއްތަންވާ ގޮތް ވުމުން ފުލުހުން އެދެމެދު ބެރިކޭޑް ކުރި ކަމަށާއި އެހެން ނަމަވެސް ބެރިކޭޑް މަތިން ދެބަައިމީހުން ވެސް ދަޅާއި ފުޅި އުކި ކަމަށް ސަރަހައްދުގައި ހުރި ރިޕޯޓަރާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ފުލުހުން ބައެއް ކަހަލަ ގޮވާ ތަކެތި ބޭނުންކުރި އެވެ. އަދި ދެފަރާތުގެ މީހުން ހިމެނޭ ގޮތުން 13 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މޫނުމަތިން ލޭ ކޮށާލާފައިވާ މީސް މީހުން ރިޕޯޓަރުންނަށް ފެނުނު ނަމަވެސް ހަމަނުޖެހުމުގައި ޒަހަމްވީ މީހުންނާ ބެހޭ ތަފުސީލެއް އެމެރިކާ ފުލުހުން އަދި ނުދެއެވެ.

ރޮއިޓާސްގެ ރިޕޯޓަރު ލަފާކޮށްފައިވާ ގޮތުގައި އެއްވުމުގައި މީހުން އެންމެ ގިނަވި ވަގުތު 500 އާއި 1000 އާ ދެމެދުގެ މީހުން ޕާކްގައި ތިއްބެވެ.

ބާކްލޭއަކީ އެމެރިކާގެ މިނިވަން ހިޔާލުގެ މީހުންގެ މުޒާހަރާތައް ގިނައިން ބާއްވާ ރަށެކެވެ. އެރަށަކީ 1960 ގެ އަހަރުތަކުގައި ކުރި އެފަދަ ގިނަ މުޒާހަރާތަކުގެ މައިމަރުކަޒެވެ.