ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވަން އިއުލާންކޮށް އިންތިހާބު ބައިވެރިވާން ހުޅުވާލައިފި އެވެ.
އިންތިހާބުގައި ކުރިމަތި ލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޮލިމްޕިކް ކޮމިޓީން ދަނީ ފޯމް ބަލައިގަންނަމުން ނެވެ.
މިފަހަރު އިންތިހާބުގައި އަންހެން ދެ މެންބަރަކުވެސް އޮލިމްޕިކް ކޮމިޓީއަށް އިންތިހާބު ކުރުމަށް ވަނި ހަަމެޖހިފަ އެވެ. މިއީ ބައިނަލްއަގްވާމީ އޮލިމްޕިކް ޗާޓަރަށް ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް އަންހެން މެންބަރުން އިންތިހާބު ކުރާ ފުރަތަމަ ފަހަރެވެ.
މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަލަން ޖެހޭނީ އޮލިމްޕިކް ކޮމިޓީގައި ހިމެނޭ އެސޯސިއޭޝަނެއް މެދުވެރި ކޮށެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާރުގެ ރައީސް މުހައްމަދު ޝަވިދުވެސް ވަނީ އިއުލާން ކޮށްފަ އެވެ. އަދި ދަނގެތިދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދުވެސް ވަނީ ރައީސްކަމަށް ކުރިމަތި ލައްވާނެ ކަން އިއުލާން ކޮށްފަ އެވެ.