ކުޅިވަރު

މޯހަންބަގާންއާ ދެކޮޅަށް ކުޅެން މާޒިޔާ ކަލްކަތާއަށް

Apr 17, 2017

އޭއެފްސީ ކަޕްގެ ގުރޫޕް އީ ގައި އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް ކުޅެން، މާޒިޔާގެ ޓީމު އިންޑިއާގެ ކަލްކަތާއަށް ދާން ފުރައިފި އެވެ.

މާޒިޔާ އިންޑިއާއަށް ދާން ފުރީ މިއަދު ހެނދުނު އެވެ.

ތިން ޕޮއިންޓާއެކު، އެޓީމު އޮތީ، ގުރޫޕްގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ، މި މަހު މާލޭގައި، މާޒިޔާ ބަލިކޮށް ހަ ޕޮއިންޓް ހަމަ ކުރި އެންމެ ފަހުގެ ރަނަރަފު ބެންގަލޫރު އެފްސީ އެވެ.

މާޒިޔާ ބެންގަލޫރު އެފްސީއަތުން ބަލިވީ މެޗުގެ އެންމެ ފަހު މިނެޓްގެ އެންމެ ފަހު ސިކުންތު ކޮޅުގައި ކާމިޔާބު ކުރި ލަނޑުން ނެވެ.

މިދިޔަ ހަފުތާގައި، މާލޭ ލީގްގައި، ވާދަވެރި ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުތް މެޗުގެ ކުރިން މާޒިޔާގެ ކޯޗް މަރުޔަން ސްކޮލަސްކީ ބުނީ ބެންގަލޫރުއާ ދެކޮޅަށް ރަނގަަޅު ފައިޓެއް ދެވިފައި ވުމަކީ، ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ރަނގަޅަށް ވާދަ ކުރެވޭނެ ސަބަބެއް ކަމަށެވެ.

މާޒިޔާއާ މޯހަންބާގާން ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު ރާއްޖޭ ގަޑިން އިރުއޮއްސި 6:30 ގަ އެވެ. މާދަމާ ބެންގަލޫރު އެފްސީ އާއި ބަނގުލަދޭޝްގެ އަބްހާނީ ޔުނައިޓަޑާ ދެކޮޅަށް، ބެންގަލޫރު އެފްސީވެސް ނިކުންނާނެ އެވެ. އެމެޗު އޮންނާނީ ރާއްޖޭ ގަޑިން މާދަމާ އިރުއޮއްސި 6:30 ގަ އެވެ.