މުހައްމަދު އިސްމާއީލް

"ފައިސާ ގޯނި" ގެ މައްސަލަ ތަހުގީގު ކުރަނީ

އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދެއްވި ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް މުހައްމަދު ފައިސާ ބެއްސެވި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދިނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މުހައްމަދު ވިދާޅުވީ އެމްއެމްޕީއާރްސީން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް ނެގި ކަމަށް ބުނާ ފައިސާ ގޯނި ހިއްޕަވައިގެން މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަށް ބައްސަވާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހަށް ހުށަހެޅި މައްސަލައެއް ތަހުގީ ކުރާއިރު މުހައްމަދުގެ ބަހެއް ލިބޭތޯ މިއަދު ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ފައިސާ ބެހި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ އިރު އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ މީގެ ކުރިން މުހައްމަދު އާ ސުވާލު ކޮށްފައެވެ.

މެންބަރުންނަށް ފައިސާ ބެހި މައްސަލަ ބަލަމުންދާ އިރު ފުލުހުން އަންނަނީ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ސިޔާސީ ޕޯޑިމެއްގައި މެންބަރުން ގަޔަށް ހޫނުފެން އަޅާނެ ކަމަށް ބުނި މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލާގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށެވެ.