ހަބަރު

ވޯޓާޒް ލިސްޓްގައި ސޮއި ކުރަން އެމްޑީޕީ އިން ދެކޮޅު ހަދަނީ

Apr 17, 2017
11

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓާޒް ލިސްޓްގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އެ ލިސްޓްގައި ސޮއި ކުރަން އިދިކޮޅު ޕާޓީ އެމްޑީޕީ އިން ދެކޮޅު ހަދާކަން މިއަދު ހާމަކޮށްފި އެވެ.

ވޯޓާޒް ލިސްޓްގައި ކެންޑިޑޭޓުން މިހާރު އަންނަނީ ސޮއި ކުރަމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ކުރި ހުކުމެއްގެ ދަށުން އިންތިހާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮންމެ ދާއިރާއަކުން ވެސް ވާދަކުރާ ކެންޑިޑޭޓުން އެ ދާއިރާއެއްގެ ވޯޓާޒް ލިސްޓްގައި ސޮއި ކުރަން ޖެހެ އެވެ. އަދި އިންތިހާބުގައި ވޯޓްލާނީ އެ ލިސްޓްގެ މައްޗަށެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ސެކްރެޓަރީޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުން ވޯޓާޒް ލިސްޓްގައި ސޮއި ކުރަން އެ ޕާޓީއިން އިންކާރު ކުރަނީ ވޯޓްލާ މީހުންގެ ލިސްޓް މިފަހަރު އާންމުކޮށްފައި ވަނީ އައިޑީކާޑް ނަމްބަރު ނުހިމަނާ ކަމުގައި ވާތީ ވޯޓްލާ މީހާ އަކީ ރަނގަޅު މީހާކަށް ކަށަވަރު ކުރަން ހުރަސްތަކެއް ހުންނާނެތީ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށްދޭން އިލެކްޝަންސްއަށް ތަކުރާރުކޮށް ލިޔެގެން ވެސް އެކަން ހައްލުކޮށްދީފައި ނެތްކަން އަނަސް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އައިޑީކާޑް ނަމްބަރު އުނިކޮށް ވޯޓާޒް ލިސްޓް އާންމު ކުރުމުން އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ ލިސްޓާއި ނެރުނު ލިސްޓް އަޅާކިޔަން ވެސް އުނދަގޫވެ އެވެ.

"އިންތިހާބުތަކަށް އަމާޒުކޮށް 2013 ގައި ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިނުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ވޯޓުލާ މީހާގެ ނަމާއި ގޭގެ އެޑްރެހާއި އައިޑީ ކާޑު ނަމްބަރު އެނގޭ ގޮތަށް ކަމަށް ކަނޑައަޅާފައި. އެކަމަކު ލޯކަލް އިންތިހާބަށް ވޯޓާސް ލިސްޓު އިލެކްޝަނުން އާއްމުކޮށްފައި ވަނީ އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތާ ހިލާފަށް،" އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު، ހިސާން ހުސެއިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުތަކެއް އުނިކޮށް ވޯޓާޒް ލިސްޓް އާންމު ކުރުމުން ވަރަށް ބޮޑެތި ޝައްކުތަކެއް އުފެދޭ ކަމަށާއި ލިސްޓާ މެދު ޝައްކުތަކެއް ހުރި ނަމަ އެކަންކަން ސާފުނުވަނިސް ސޮއި ކުރެވެން ނޯންނާނެ ކަމަށެވެ. ހިސާން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓްގެ ގައިޑްލައިންގެ ދަށުން އިންތިހާބެއް ބާއްވަން ޖެހެނީ އެއްވެސް މިންވަރަކަށް ޝައްކުކަން ނުއުފެދޭ ގޮތަށް ކަމަށެވެ. އަދި ލިސްޓްގެ ސައްހަކަން ކަށަވަރު ކުރަން އެމްޑީޕީ އިން ބޭނުންވާ މައުލޫމާތުތައް ކޮމިޝަނުން ހިއްސަ ނުކުރަނިސް ލިސްޓްގައި ސޮއި ކުރެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބެއްގައި ވޯޓްލާ މީހާގެ އައިޑެންޑިޓީ އަކީ ހާމަ ކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި އެއީ އިންތިހާބެއްގެ މިނިވަންކަން ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންތިހާބެއް މިނިވަން ވާނީ އެ މީހަކު ވޯޓްލާ ގޮތް ސިއްރުވެފައި އޮވެގެން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.