ހަބަރު

އިދިކޮޅާ ގުޅުމުން ސައުދުވެސް ޕީޕީއެމް އިން ވަކިކޮށްފި

Apr 17, 2017
2

ރައްޔިތުން މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ޕީޕީއެމްގެ މެންބަރުކަމުން މިއަދު ވަކިކޮށްފި އެވެ.

ޕީޕީއެމްގެ ސްލޫކީ ކޮމިޓީގެ މެންބަރު އަލީ ވަހީދު މިއަދު، "އަވަސް"އަށް ވިދާޅުވީ ސައުދި އެ ޕާޓީ އިން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ. އޭނާ ޕާޓީ އިން ވަކިކުރަން ޖެހުނީ އެ ޕާޓީގެ މެންބަރުކަމުގައި ހުންނަވައިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތުގައި ފާޅުކަންބޮޑު ގޮތެއްގައި ހަރަކާތްތެރިވެ، ސޯޝަލް މީޑިއާގައި ސަރުކާރު ބަދުނާމުކޮށް ފާޑުކިޔަމުން އަންނާތީ ކަމަށެވެ.

އެ މައްސަލައިގައި ޖަވާބުދާރީވުމަށް ސައުދަށް އެންގި ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނަ ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ. ސައުދު ވަކިކުރަން ސުލޫކީ ކޮމިޓީއަށް ހާޒިރުވި ފަސް މެންބަރުން އިއްތިފާގުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގެ ދިފާއުގައި ވާހަކަ ދައްކަން ދެ މެންބަރުން ކަނޑައެޅުމާއި އެ ކޮމިޓީއަށް ހާޒިރުވާން ފުރުސަތު ދީފައިވާނެ. އެކަމަކު އޭނާގެ ފަރާތުން އިޝާރާތެއް ނުލިބުނު. އެހެންވެ ގައިރުހާޒިރުގައި ކޮމިޓީ އިން ނިންމީ ސައުދު ވަކިކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ސައުދު މިހާރު މަސައްކަތް ކުރައްވަމުން އަންނަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅީގަ އެވެ. މީގެ ކުރިން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވެސް ވަނީ ޕީޕީއެމް އިން ވަކިކޮށްފަ އެވެ.