ހަބަރު

ހިލްޓަން މައްސަލާގައި އާބިޓްރޭޝަންގެ އެންގުން ތަންފީޒު ނުކުރެވޭނެ: ސަން

މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ނ. އިރުފުށި ރިސޯޓް ހިންގުމަށް ހިލްޓަން ގްރޫޕާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ސަން ޓްރެވަލް އިން އުވާލި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ނުކުރެވޭނެ ކަމަށް މިއަދު ސަން ޓްރެވަލްއިން ހައިކޯޓުގައި ބުނެފި އެވެ.

ސިންގަޕޫރުގެ އާބިޓްރޭޝަންގައި 2013 ވަނަ އަހަރުން ފެށިގެން ހިނގަމުން އައި އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމީ، ސަން ޓްރެވަލްސް އިން 2009 ވަނަ އަހަރު ހިލްޓަން އާ އެކު ހަދާފައިވާ އެއްބަސްވުން ސަން ޓްރެވަލް އިން އުވާލާފައި ވަނީ ރަނގަޅަށް ނޫން ކަމަށްވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 24 މިލިއަން ޑޮލަރު ނަގައި ދިނުމަށެވެ.

މި އެންގުން ތަންފީޒުކޮށްދިނުމަށް ހިލްޓަންއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ކޯޓުގެ އިހުތިސޯސްގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެ މައްސަލާގައި ހުކުމް އިއްވާފަ އެވެ. ސިވިލް ކޯޓުގެ އެ ހުކުމުގައި ބުނެފައިވަނީ އެ މައްސަލަ ބެލޭނީ ހައިކޯޓަށް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ހިލްޓަންއިން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިއަދު އެ މައްސަލާގައި ޝަރީއަތް ހައިކޯޓުގައި ފެށިއިރު، ހިލްޓަންގެ ވަކީލް ޝަހުދީ އަންވަރު ވިދާޅުވީ، އާބިޓްރޭޝަނުން އެންގުން ތަންފީޒު ކުރެވޭނީ ސިވިލް ކޯޓަށް ކަމަށާއި އެހެންކަމުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ ސިވިލް ކޯޓުން ބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

ސަންގެ ވަކީލް އަހުމަދު މުއިއްްޒު ވަނީ އެކަމަށް އިއުތިރާޒް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މިފަދަ މައްސަަތައް ބެލޭނީ ސިވިލް ކޯޓަށް ކަމަށާއި ނަމަވެސް މި މައްސަލާގައި އާބިޓްރޭޝަން އަންގާފައިވާ އެންގުމަކީ ތަންފީޒު ކުރެވޭނެ އެންގުމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ އެ އެންގުމަކީ ރާއްޖޭގެ އާންމު ނިޒާމާ ހިލާފް ބާތިލް ނިންމުމެއް ކަމަށްވާތީ ކަމަށެވެ.

އާބިޓްރޭޝަންގެ އެންގުމާ ހިތްހަމަ ނުޖެހޭނަމަ އެކަން ތިން މަސް ދުވަސް ތެރޭގައި ހައިކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުގައިވާ ކަމަށާއި ނަމަވެސް ސަން ޓްރެވަލްސްއިން އެކަން ކޮށްފައިނުވާ ކަން ޝަހުދީ ފާހަގަކުރެއްވި އެވެ. ޝަހުދީގެ އެ ވާހަކައަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ، އާބިޓްރޭޝަންގެ އެންގުން ގަބޫލުނުކުރާނަމަ ދެ ގޮތަކަށް ޗެލެންޖް ކުރެވޭނެ ކަމަށެވެ. އެއީ ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުން ނުވަތަ އެންގުން ތަންފީޒުކުރުމަށް ހުށަހެޅުމުން އެކަމަށް ޗެލެންޖްކުރުމެވެ. މުއިއްްޒު ވިދާޅުވީ، ސިވިލް ކޯޓަށް ސަންއިން ހުށަހެޅި މައްސަލާގައި އެކަމަށް ޗެލެންޖުކޮށްފައިވާނެ ކަމަށެވެ.

ޝަހުދީ ވަނީ، މި މައްސަލައަކީ ސިވިލް ކޯޓަށް އާބިޓްރޭޝަންގެ އެންގުން ތަންފީޒު ކުރެވޭތޯ ބެލުމަށް ބަލާ މައްސަލައެއް ކަމުން އެކަމަށް އަވަހަށް ގޮތެއް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެންގުން ތަންފީޒުކުރުމަށް މަސައްކަތްކުރާތާ ދޮޅު އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތު ބަލަހައްޓަވާ މި މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލަ އަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގަ އެވެ.