ދުނިޔެ

މޮޅު ކުޅުންތެރިޔަކަށްވާން ކުރި އުންމީދު ފެނަށް!

Apr 19, 2017

ކޮންމެ އިންސާނެއްގެ ވެސް އުންމީދެއް އޮވެ އެވެ. އެއްބަޔަކު އިންޖިނިއަރުންނަށް ވާން ނުވަތަ ޑޮކްޓަރުންނަށް ނުވަތަ ޓީޗަރުންނަށް ނުވަތަ މޮޅު އެތުލީޓަކަށް ނުވަތަ އެހެންވެސް ޕްރޮފެޝަންއެއްގައި ކުރިއަށް ދިއުމުގެ އުންމީދު އޮވެ އެވެ. އެއީ އުމުރުގެ ހަގު ކަމަކުން ފަނޑުވާ ކަމެއް ނޫނެވެ. އެގޮތަށް މި ތުއްތު ތުއްތު ކުއްޖާގެ ވެސް އުންމީދެއް ހާސިލު ކުރަން ބޭނުންވާ އަޒުމެއް އޮތެވެ. މުހައްމަދު އަމޫތު،6 ގެ އުންމީދަކީ، މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމެވެ.

މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށްވެ، ބައިނަލްއަގްވާމީ ދަނޑުގައި، ގައުމު ތަމްސީލުކޮށް، ގައުމަށް ކާމިޔާބު ހޯދައިދިނުމަށް އޭނާ ކުރި އުންމީދަށް ހުރަސް އެޅީ އޭނާގެ އުފަން ގައުމުގެ އަފަން ރަށުން މެދުވެރިވި ކަމަކުން ނެވެ. ސީރިޔާގެ އައިދަލިބަށް ސީރިޔާގެ ސަރުކާރު ސިފައިން ދިން ހަމަލާ ތަކުގައި، މުހައްމަދަށް އޭނާގެ ބައްޕަ އުސާމާ ގެއްލިޖެ އެވެ. އޭނާއާ ބައްދަލު ކުރީ ބައްޕަގެ ފުރާނަ ނެތް މަސްގަނޑެވެ.

މީގެ ފަސް މަސް ކުރިން އައިދަލިބަށް ދިން ހަމަލާ ތަކުގައި، އޭނާގެ އާއިލާ ދިރިއުޅޭ ގެއަށް އެޅި ބޮން ތަކުގައި، މުހައްމަދަށް ގެއްލުނީ، އޭނާގެ ބައްޕަ އެކަންޏެއް ނޫނެވެ. މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށްވުމަށް އޭނާ ކުރިން އުންމީދުން ވެސް މަހްރޫމް ކުރުވީ ހަމަލާތަކުގައި އޭނާގެ ދެ ފައިވެސް ވަރަށް ޒަހަމުވުމުން ނެވެ. ޒަހަމުވިލެ ބޮޑުކަމުން އޭނާގެ ދެފައި ޖެހުނީ ބުރި ކޮށްލާށެވެ.

ހަމަލާތަކުން ލިބުނު ގެއްލުންތަކަށް ތުރުކީގެ ގާޒިއަންޓެޕްގެ ސިޓީ ހޮސްޕިޓަލުގައި، އެތައް މަހަކު ފަރުވާ ދިނުމަށްފަހު މުހައްމަދު ވަނީ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ދެ ފައި ނެތުމުން އޭނާ އަށް ޖެހުނީ، އެއޮތް ތުއްތު އުމުރުގައި ދެ ދަނޑިގަނޑު ހިފައިގެން އުޅޭށެވެ.

އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތެއް ކަމަށްވާ ދާރުލް އިހްސާން އެސޯސިއޭޝަނުން ވަނީ މިދިޔަ މަހު، މުހައްމަދަށް ޕްލާސްޓިކް ފައެއް ފޯރުކޮށްދީފަ އެވެ. ނަމަވެސް އެއީ ވަގުތީ ފައެކެވެ. އިތުރު މެޑިކަލް ތެރަޕީއާއެކު ޕްލާސްޓިކް ފައިން އަދި ދެ ދަނޑިގަނޑުގެ އެހީއާ އެކު މުހައްމަދަށް، ކޮންމެވެސް ވަރަށް ފިޔަވަޅު އެޅެ އެވެ. މުހައްމަދާއި އާއި އޭނާގެ އާއިލާ މިހާރު ދިރިއުޅެނީ ތުރުކީގަ އެވެ.

"ބޯޅައިގައި ފައިން ތަޅާ ހަނދާން ވަރަށް ބޮޑަށް ވޭ،" ތުރުކީގެ އަނަޑަލޫ ނިއުސް އެޖެންސީއާ ވާހަކަ ދައްކަމުން އަމޫތު ބުންޏެވެ.

އޭނާ ބޭނުން ވަނީ ސިއްހަތު ރަނގަޅުކޮށް ހުންނާށެވެ. އަދިވެސް ފުޓްބޯޅަ ކުޅުމުގެ އަޒުމު އޭނާގެ ކިބައިގަގައި އެބަހުއްޓެވެ. އެއީ އަދިވެސް އޭނާ އަށް ނުކުރެވޭނެ ކަމެއް ނޫނެވެ. އިލެކްޓްރޯނިކް އާޓިފިޝަލް ފައި ޖަހައިގެން އޭނާ އަށް އެކަން ކުރެވިދާނެ އެވެ.

"ތުއްތު ތުއްތު މުހައްމަދަށް މިހާރު އެވަނީ ވަގުތީ ގޮތުން ޕްލާސްޓިކް ފައެއް ދީފައި، އެކަމަކު އޭނާ އަށް މިވަގުތު އެހާ ރަނގަޅަކަށް ނުހިނގޭ، އަހަރެމްން މަސައްކަތް މިކުރަނީ ދާއިމީކޮށް އިލެކްޓްރޯނިކް އާޓިފިޝަލް ފައެއް ހަރު ކުރެވޭތޯ، ނަމަވެސް އަސްލު ފައެއް ގޮތަށް ސިފަ އެއް ނުވާނެ އަހަރެމެން ބަލާނަން އެއިން ކިހާވަރަކަށް ބޭނުން ކުރެވޭތޯ،" ދާރުލް އިހްސާންގެ އޮފިޝަލެއް ކަމަށްވާ އަލީ ކިރުޒްމީ ވިދާޅުވި އެވެ.