ވިޔަފާރި

އޭޓީއެމްގައި ރާއްޖެ އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަނީ

Apr 18, 2017

މިމަހު ދުބާއީގައި އޮންނަ އެރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ އިޝްތިހާރު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ތައްޔާރު ވެއްޖެ އެވެ.

އޭޓީއެމް ފެއާގައި ބައިވެރިވާ ފަރާތްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ އޭޓީއެމް ފެއާއަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ފެއާއެއް ކަމަށާއި، ފެއާގައި ރާއްޖެ އިޝްތިހާރު ކުރަން ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.

"މެދުއިރުމައްޗަކީ ޔޫރަޕާއި ދެމެދު ގިނަ ފްލައިޓްތަކެއްގެ ކަނެކްޝަން އޮވޭ. އެހެންވެ މި ފެއާ ރާއްޖެއަށް މުހިންމުކަން ބޮޑު،" ހާރިސް ވިދާޅުވި އެވެ.

އަންނަ މަހުގެ، 24-27 އަށް ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން ކޮންވެންޝަނަލް ސެންޓަރުގައި އޮންނަ މި ފެއާގައި ރާއްޖޭގެ 57 ކުންފުނިން 100 މީހުން ބައިވެރިވެ އެވެ. މި ފެއާއަކީ ވިޔަފާރިތަކާއި ވިޔަފާރިތައް އެއް މޭޒަކުން ބައްދަލުވެ، މަޝްވަރާ ކުރާ ގޮތަށް ބާއްވާ ފެއާއެކެވެ. އަދި މިފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 26،000 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެ އެވެ.

މެދުއިރުމަތިން މިދިޔަ އަހަރު 51،330 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 22 ޕަސެންޓް އިތުރު ވެފަ އެވެ.