ކުޅިވަރު

ވީއޭއެމްއަށް އިސްލާހީ އެޖެންޑާއެއް އިއުލާން ކޮށްފި

Apr 18, 2017

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ އަސަސީ ގަވައިދު ބަދަލުކޮށް ވީއޭއެމްގެ ހިންގުން ހަރުދަނަ ކުރުމަށް، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު އިސްލަހީ އެޖެންޑާއެއް އިއުލާން ކޮށްފި އެވެ.

އިސްލާހީ އެޖެންޑާގެ މަސައްކަތް އިއުލާން ކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން، ލަތީފު ވިދަޅުވީ އަސާސީ ގަވައިދު ބަދަލު ގެންނާނި ދުނިޔޭގެ ވޮލީބޯޅަ ފެޑްރޭޝަން (އެފްއައިވީބީ) ގެ އަސާސީ ގަވައިދާއި "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" އާ އެއްގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ބަދަލުތައް ގެނައުމަށްޓަކައި ހަތް މެންބަރުން ހިމެނޭ ރިފޯމް ކޮމިޓީއެއް އެކުލަވަލާނެ ކަމަށެވެ. އިސްލަހީ އެޖެންޑާގެ މަސައްކަތް ނިންމުމަށް ޓާގެޓް ކޮށްފައި ވަނީ ހަ މަސް ދުވހުގެ މުއްދަތަށެވެ.

ލަތީފު ވިދާޅުވީ ވޮލީ އޮތީ، ވޮލީ އާއިލާގެ އަތްމަތިން ބޭރުވެގެން ގޮސް ހަމައެކަނި ދެމީހެއްގެ އަތް މައްޗަށް ދޫވެފައި ކަމަށާއި އޭނާ އާއި އޭނާގެ ޓީމުން ވޮލީ އާއިލާއާ ހަމަޔަށް އެކުޅިވަރު ގެންގޮސް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"ވޮލީ އޮތީ ވޮލީގެ އާއިލާ އަތްމަތިން ބީވެގެން ގޮސްފައި، ހަމައެކަނި ދެމީހެއްގެ އަތްމައްޗަށް ގޮސްފައި އޮތީ، ވޮލީބޯޅަ އެސޯސިއޭޝަން ކުރިން ހިންގަންތިބި ބޭފުޅުން މަސައްކަތް ކޮށްފައި އޮތީ ތާއަބަދަށް އެތަނުގައި ތިބެވޭނެ ގޮތަކަށް، ގަވާއިދުތަކާ އެއްޗިހި އެގޮތަށް ބައްޓަން ކޮށް، ވޮލީބޯޅަ ހިސޯރު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކޮށްފައި އޮތީ،" ލަތީފު ވިދާޅުވި އެވެ.

އެއީ ކޮން ދެ ބޭޅުންނެއްތޯ ސުވާލު ކުރުމުން ވިދާޅުވީ ވީއޭއެމްގެ ކުރީގެ ރައިސް މުހައްމަދު ރިޔާޒު އާއި ލަތީފްގެ އެކްސްކޯގެ ކުރީގެ ނައިބު ރައީސް އިއްޒަތު ވަހީދެވެ.

އޭނާ ވިދާޅުވީ ވީއޭއެމްއަށް ވެސް ކުލަބު ސިސްޓަމެއް އެކުލަވާލާނެ ކަމަށާއި ވޮލީގެ ނިންމުން ތަކުގައި ބަސް ކިޔުމުގެ ބާރު އޮންނާނީ ރަނގަޅަށް ހިންގައި މުބާރަތްކުގައި ގަވައިދުން ވާދަ ކުރަ ކުލަބުތަކަށް ކަަމަށެވެ.

"ވީއޭއެމްގެ އިންތިހާބުތަކަށް ބަލައިލީމާ ތިބޭފުޅުންނަށް އެނގިގެންދާނެ، އިންތިހާބު ތަކުގައި މެޖޯރިޓީ ވޯޓްލާފައި ވަނީ މުބާރާތްތަކުގައި ގިނައިން ނުކުޅޭ ޓީމުތަކެއް ކަން، އެހެންވީމަ މި އާދަކާދަ ކަނޑުވާލާފަ ވޮލީ ކުޅޭ ހަރަދުކޮށްގެން ހިންގާ މެއިންޓެއިން ކޮށްގެން ހިންގާ ކުލަބުތަކަށް މިފުރުސަތު ދޭން ޖެހޭނީ،"

އޭނާ ވިދަޅުވީ ކޮންމެ މީހަކުވެސް މަންމަ ނުވަތަ ބައްޕަ ނަން ކުލަބެއްގައި ޖެހިގެން އެސޯސިއޭޝަންގެ ރައީސް ކަމުގައި ހުރުމަކީ ކުޅިވަރަށް ވެވޭ ހިޔާނާތެއް ކަމަށެވެ.

"މިކަހަލަ އެޖެންޑާއެއް ނަގައިގެން އުޅޭއިރު ގޮންޖެހުންތައް އަންނާނެ، 19 އަހަރެއްހައި ދުވަސް ވަންދެން ކުރީގެ އެޑްމިނިސްޓރޭޝަނަށް މަސައްކަތް ކުރެވިއްޖެ، ދިގު މުއްދަތެއްގައި ވެރިކަން ކޮށްފިއްޔާ ވަކިތަކުން ސަލަމަތް ވުމަށް ވަރަށް އުނދަގޫ ވާނެ، އެމަސައްކަތް އަޅުގަނޑު މިކުރަނީ އިރާދަ ކުޔރެއްވިއްޔާ ވޮލީ މިނިވަން ކޮށްފަ ވޮލީގެ އާއިލާ އަށް އަޅުގަނޑު ވޮލީ ރައްދު ކުރަނަން." ލަތީފު ވިދާޅުވި އެވެ.