ކުޅިވަރު

ޗެލްސީއިން ޓެރީއަށް ދޭނެ ފެއާވެލްއެއް ނެތްތަ؟

Apr 18, 2017

ޗެލްސީގެ ރަސްމީ ކެޕްޓަން، ޖޯން ޓެރީ މިސީޒަނަށް ފަހު، އެޓީމުން ދޫކޮށްލާނެކަން އިއުލާން ކުރުމުން، ޗެލްސީގެ ސަޕޯޓަރުންގެ ފަރާތުން، އޭނާއަށް ޓްރިބިޔުޓް މެސެޖްތައް ހާއްސަ ކުރަމުން ދިޔަ އެވެ. ނަމަވެސް 22 އަހަަރަށް ވުރެ ގިނަ މުއްދަތަކަށް ޗެލްސީއަށް ކުޅެދިން އެޓީމުގެ ހަޔާތުގައި މިހާތަނަށް ފެނުނު އެންމެ ކާމިޔާބު ކެޕްޓަނަށް އަލްވަދާއު ކިޔުމަށް ޗެލްސީގައި ފެއާވެލްއެއް ނެތެވެ.

ޗެލްސީގެ ޔޫތު ޓީމާ ޓެރީ ގުޅުނީ އޭނާގެ އުމުރުން 14 އަހަރުގަ އެވެ. މިދިޔަ އަހަރު މެއި މަހު އެޓީމާ އެކު އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރި ނަމަވެސް، މިސީޒަންގައި އެންމެ މަދުން ފުރުސަތު ލިބޭ ކުޅުންތެރިޔަކީ ޓެރީ އެވެ.

ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ކޯޗް ކަމުގެ ދަށުން އޭނާ ކުޅުނި 366 މިނެޓެވެ. ނަވާރަސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ޗެލްސީގެ ސިނިއާޓީމުގެ ކެރިއާ ފެށިފަހުން އޭނާ ވަނީ މިހާތަނަށް 713 މެޗު ކުޅެފަ އެވެ.

ޗެލްސީ ދޫކޮށް ލިޔަސް ޓެރީގެ އުންމިދަކީ އަދިވެސް ޕްރިމިއާ ލީގް ކުލަބަކަށް ކުޅުމެވެ. ނަމަވެސް އޭނާ ގެންދަން އެންމެ ބޮޑަށް ޗައުގުވެރިކަން ފަޅު ކޮށްފައި ވަނީ ޗައިނާގެ ކުލަބަކުންނެވެ.

ޓެރީއަށް އަލްވަދާއު ކިޔުމަށް، ޗެލްސީއިން ފެއާވެލެއް މިހާތަނަށް އިއުލާން ކޮށްފައި ނުވިޔަސް، މިސީޒަންގެ ލީގް އެޓީމަށް ލިބިއްޖެނަމަ، ތަށި އުފުލުމުގެ ފުރުސަތު އޭނާ އަށް ދޭނެ ކަމަށް ބެލެވެ އެވެ. އަދި އެހެން ފުރުސަތެއް އޭނާ އަށް އެބައޮތެވެ. ކުޅުން ހުއްޓާލުމަށްފަހު ކޯޗް ކަމަށް ނިކުތުމުގެ ފުރުސަތު އޭނަ އަށް ދޭން ޗެލްސީ އޮތީ ތައްޔާރަށެވެ. އެގޮތުން ޗެލްސީގެ އެކެޑެމީ އާއި ޒުވާން ޓީމުތަކުން، އޭނަގެ ކޯޗިން ކެރިއަ ފެށުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް، ޗެލްސީއަށް އެވަރުގެ ހިދުމަތެއް ކޮށްދިން ކުޅުންތެރިޔަކަށް، އެވަރުގެ ހައްގެއް ނޫނެވެ. އެންމެ ކުޑަކޮށްވެސް އޭނާއަށް އެންމެ ހައްގު ވަނީ ކުލަބު އެމެބަސެޑަރެއްގެ ރޯލް ދިނުމެވެ.