ހަބަރު

"ކިޔަވާ ކުދިން ނަފްސާނީ ބައްޔަށް ހޭލުންތެރިކުރަން ޖެހޭ"

ނަފްސާނީ ބައްޔާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ހިއްސާކޮށް އެ ބައްޔަށް ހޭލުންތެރިކުރުމަކީ މުހިންމު ކަމެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ހެލްތު ވޯކަރުންނަށް އަމާޒުކޮށްގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަން (ޝީ) އިން ބޭއްވި ޕަބްލިކް ހެލްތު ފޯރަމް ނިންމާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ބައްދަލުވުމަކީ، ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވެވޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

ބައްދަލު ވުގައި ލިބުނު މައުލޫމާތުގެ އަލީގައި ނަފްސާނީ ބަލި ތަހައްމަލު ކުރާ ފަރާތްތަކުގެ އިތުރުން އެހެން މީހުން ވެސް ނަފްސާނީ ބަލިމަޑުކަމާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، އެބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުން މުހިންމު ކަމަށެވެ. މީގެ އިތުރުން މިފަދަ މައުލޫމާތު ހިއްސާ ކުރުމުގައި ސްކޫލް ކުދިންނަށް ބޮޑަށް އަމާޒު ކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ބައްދަލުވުމުގައި ތިބޭފުޅުންނަށް ލިބުނު މައުލޫމާތުތައް މަސައްކަތުގެ މާހައުލަށް ވަޑައިގެން އެހެން ފަރާތްތަކާ ހިއްސާ ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ހާއްސަކޮށް، ކިޔަވާ ކުދިންގެ މާހައުލަށް ވަޑައިގެން މުދައްރިސުންނާއި، ދަރިވަރުންނާއި، ބެލެނިވެރިން ޝާމިލްވާގޮތަށް ސްކޫލްތަކުގައި މައުލޫމާތު ދިނުމުގެ ބައްދަލު ވުންތައް ބޭއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުޅަހެޔޮ ސިއްހަތެއް އޮތް ޖީލެއް ބިނާ ކުރުމުގައި މިއަދުގެ ކިޔަވާ ކުދިން ރަގަޅު ގޮތުގައި ތަރުބިއްޔަތު ވަމުން އައުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން." މިނިސްޓާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރަށްރަށުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ޒުވާނުންނަށް ވެސް ނަފްސާނީ ބަލިމަޑުކަމާއި ބެހޭ ގޮތުން މައްލޫމާތު ހިއްސާ ކުރުން މުހިންމު ކަމަށް ދެކިލައްވާ ކަމަށް މިިނިސްޓާ ވިދާޅުވި އެވެ. ނަފްސާނީ ބަލިމަޑުކަމަކީ ވެސް އެހެން ބަލިތަކެކޭ އެއްފަދައިން ހާއްސަ ސަމާލު ކަމެއްދޭން ޖެހޭ ކަމެއް ކަމުގައި މިނިސްޓާ ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ފޯރަމް އަކީ، މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގެ، ލެޓްސް ޓޯކް ޑިޕްރެޝަން އާއ ގުޅުވައިގެން ނަފްސާނީ ބަލިމަޑުކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ފޯރަމެކެވެ. މި ފޯރަމްގައި މުޅި ރާއްޖެއިން ޖުމްލަ 20 ބައިވެރިން ބައިވެރިވެ، ބައްދަލުވުން ފުރިހަމަ ކޮށްފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މިއަހަރުގެ ޝިއާރުގެ ދަށުން އެޗްޕީއޭއިން އަންނަނީ ގިނަ ބައްދަލުވުންތަކެއް ތަފާތު ދާއިރާތަކަށް އަމާޒުކޮށްގެން ބާއްވަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެޗްޕީއޭ އާއި ޝީ ގުޅިގެން މަތީ ސާނަވީ ސްކޫލްތަކަށް އަމާޒުކޮށްގެން ދަރިވަރުންނާއި ޓީޗަރުން ހިމެނޭ ގޮތަށް ވަނީ ޑިޕްރެޝަން އާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފަ އެވެ.