ފެނަކަ ކޯޕްރޭޝަން

ފެނަކަ އާއި އައިއޭއެސް އިން ޓްރެވެލް އެގްރީމެންޓެއްގައި ސޮއިކޮށްފި

ސަރުކާރުގެ ޔުޓިލިޓީ ކުންފުނި، ފެނަކައިން ވައިގެ ދަތުރުތައް މެދުވެރިކޮށް ކުރަންޖެހޭ ދަތުރުތަކުގެ ބައިވެރިއަކަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ހަމަޖައްސައިފި އެވެ. ދެ ކުންފުނީގެ މެދުގައި ކޯޕަރޭޓް ޓްރެވަލް އެގްރީމެންޓެއް ގާއިމުކޮށް އެއްބަސްވުމުގައި ސޮއި ކުރީ މިއަދު އެވެ.

ފެނަކައިގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާދަމެވެ. އައިއޭއެސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް އެވެ.

އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ފެނަކައަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާ އެއްގައި އޮޕަރޭޝަންތައް ހިންގާ އެއް ކުންފުންޏަށް ވުމުން ދެ ކުންފުނީގެ މެދުގައި ގާއިމުކުރި އެއްބަސްވާއެކު ފެނަކައިގެ ދަތުރުފަތުރުތަކާއި އެކި ސަރަހައްދުތަކަށް ކާގޯ ފޮނުވުމަށް ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ 148 އިންޖީނުގެ މުޅި ރާއްޖޭގެ އެކި ސަރަހައްދުގައި އެބަހުރި. ކުއްލި ގޮތަކަށް އެއްރަށުން އަނެއް ރަށަށް އިންޖިނިއަރުންނާއި ސްޕެއާ ޕާޓްސްތައް ފޮނުވުމަށް މި އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ" ޝަރީޕް ވިދާޅުވި އެވެ.