ހަބަރު

އިތުރު ފަސް އެއާޕޯޓެއް އަޅަން ހަވާލު ކުރަނީ

Apr 19, 2017
11

ޓޫރިޒަމްގެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ ގޮތުން އިތުރު ފަސް އެއާޕޯޓެއް އަޅަން ވަރަށް އަވަހަށް ހަވާލުކޮށް އެ މަސައްކަތް ފައްޓަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ސަފީރުންގެ މަހާސިންތާ ފެށުމުގެ ގޮތުން މިއަދު ހޮޓަލް ޖެންގައި ބޭއްވި ހަފްލާގައި ޒަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް އޭގެ މަންފާ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށާއި އެގޮތުން އޭވިއޭޝަން ދާއިރާ ތަރައްގީކޮށް ގިނަ އެއާޕޯޓުތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރު އަޅަން ހަވާލުކޮށްފައިވާ ފަސް އެއާޕޮޓުގެ އިތުރުން އާ ފަސް އެއާޕޯޓު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކޮށް އެ މަޝްރޫއު ފައްޓަވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ރާއްޖޭގެ އަތޮޅުތަކުގައި އިތުރު ޑޮމެސްޓިކް އެއާޕޯޓު ހުޅުވުމަކީ ވެސް ރައީސް ޔާމީން އިސްކަމެއް ދީގެން ކުރައްވަމުން އަންނަ މަސައްކަތެއް. އެއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިފައިވާ މަޝްރޫއެއް. އޭގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމާމެދު ޝައްކެއް ވެސް ނެތް،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓުތައް އެޅުމުގެ އިތުރުން ސިވިލް އޭވިއޭޝަންގެ ދާއިރާގައި ސަރުކާރުން ގެންގުޅޭ "އޯޕަން ސްކައި" ސިޔާސަތުގެ ދަށުން ބޭރުގެ އެއާލައިންތަކުން އިތުރު ފްލައިޓުތައް ރާއްޖެއަށް އައުމަށް ފުރުސަތު ބޮޑުވާ ކަމަށާއި އެގޮތުން އިތުރު ފްލައިޓުތަކެއް ވެސް ރާއްޖެއަށް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ބަޖެޓުގައި ކަނޑައަޅާފައި ވަނީ ހަތަރު އެއާޕޯޓެއް އެޅުމަށެވެ. ނަމަވެސް މިދިޔަ މަޗު މަހު ސަރުކާރުން ވަނީ ފަސް އެއާޕޯޓެއް އެޅުމަށް 57.5 މިލިއަން ޑޮލަރު (886.6 މިލިއަން ރުފިޔާ)ގެ މަޝްރޫއު މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ގްރިފަންއާ ހަވާލުކޮށްފި އެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫއާ، ފ. ނިލަންދޫ، ގދ. މާވަރުލުގެ އަދި ގދ. ފަރެސްމާތޮޑަގައި އަޅާ އެއާޕޯޓެވެ. ނަމަވެސް އާ ފަސް އެއާޕޯޓު އަޅަނީ ކޮން ރަށްތަކެއްގައި ކަމެއް މިނިސްޓަރު މިއަދު ހާމައެއް ނުކުރެއެވެ.