ހަބަރު

ހަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފި

ހަ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިޔަށް ގެންދަން ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ހަވާލުކޮށްފައިވާ ތިން ކުންފުންޏަކީ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއި، ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އަދި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އާ އެވެ.

ބ. އޭދަފުއްޓާއި ތ. ވިލިފުށީގެ ރައްޔިތުންނަށް ބޯފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 7.4 މިލިއަން ރުފިޔާއަށެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރު ޖީއޭއެމް ސުމަނަސޭކަރަ އެވެ.

ހއ. މާރަންދޫ އާއި ބ. މާޅޮހާއި ހއ. މުރައިދޫ އަދި އދ. ދިގުރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ސާވޭ އަދި ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތްވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ. މާރަންދޫ އާއި މާޅޮސް އަދި މުރައިދޫގެ މަޝްރޫއުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލު ކޮށްފައިވަނީ އަށް ލައްކަ ރުފިޔާއަށެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ގޯތަމް މަހާވިރް ޝާހެވެ. އަދި އއ. ދިގުރަށުގެ މަސައްކަތް މިނިސްޓްރީ އިން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

މި ރަސްމިއްޔާތުގައި މިދިޔަ އަހަރު ސީއެސްއާރް ގެ ދަށުން އއ. ރަސްދޫގައި ފުރިހަމަކޮށްފައިވާ ފެނުގެ ނިޒާމްގެ ޑިޒައިންތައް އެމްޑަބްލިއުއެސްސީ އިން ވަނީ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.