ރިޕޯޓް

ކެފޭތަކުގެ ވަޒީފާއަށްދާ ދިވެހިން ދެރަ ކޮށްލައިގެން ނުވާނެ!

މުޖުތަމައުގައި ގަބޫލު ކުރެވިފައި އޮންނަނީ، ކެފޭ ތަކުގައި، ނުވަތަ ހޮޓާ ތަކުގައި މަސައްކަތް ކުރުމަކީ ދަށު ދަރަޖައިގެ ވަޒީފާއެއްގެ ގޮތުގަ އެވެ. އެއީ، ރަނގަޅު ތައުލީމެއް ލިބިފައި ނުވާ، ވަޒީފާގެ މައިދާނުގައި ފަހި ފުރުސަތުތައް ލިބިފައި ނުވާ މީހުންގެ މަސައްކަތެއްގެ ގޮތުގަ އެވެ. އެ މަސައްކަތަކީ ރަނގަޅު އާމްދަނީ އެއް ވެސް ނުލިބޭނެ މަސައްކަތެއްގެ ގޮތުގަ އެވެ.

ނަމަވެސް ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ފެންނަނީ ކެފޭތަކުގައި ވެއިޓަރުންގެ ގޮތު އެ ގައުމުތަކުގެ ޒުވާނުން މަސައްކަތް ކުރާ ތަނެވެ. އެއީ އިހުތިރާމް ލިބޭ ވަޒީފާއެއް ވެސް މެއެވެ.

ވެއިޓަރުންގެ ވަޒީފާއާމެދު ދިވެހި މުޖުތަމައު ކޮންމެ ގޮތަކަށް ދުށް ނަމަވެސް ރާއްޖޭގައި ވެސް މިހާރު މަދުން ނަމަވެސް ޒުވާނުން ކެފޭތަކުގައި މަސައްކަތް ކުރާތަން ފެނެ އެވެ. މީގެ ފަސް އަހަރު ކުރިއާ އަޅާ ބަލާއިރު އާންމު ގޮތެއްގައި ފެންނަނީ، ކެފޭ ތަކުގެ ވެއިޓަރުންގެ ގޮތުގައި މުޅީން ބިދޭސީން މަސައްކަތް ކުރާ ތަނެވެ. ނަމަވެސް މިހާރު ރާއްޖޭގެ ކެފޭތަކުގައި ކޭޝިޔަރުންގެ އިތުރުން ވެއިޓަރުންގެ ގޮތުގައި ވެސް ދިވެހި ޒުވާނުން މަސައްކަތް ކުރެ އެވެ.

މާލޭގައި ހިންގާ ބައެއް ކެފޭތަކުގައި މަސައްކަތް ކުރާ ދިވެހި ވެއިޓަރުންނަށް ބަލާލާއިރު، އާންމު ގޮތެއްގައި މަސައްކަތަށް ނުކުމެ އުޅެނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ 25 އަހަރުން ދަށުގެ ޒުވާނުންނެވެ. އަދި މަސައްކަތް ކުރާ އެ ޒުވާނުން މަސައްކަތަށް ނުކުމެ އުޅެނީ ޝައުގުވެރި ކަމާއެކު އެވެ.

"ކޮންމެ ކަމެއް ވެސް ފުރަތަމަ ހަރުފަތް ކަޑައްތު ކޮށްފަ ދޯ ދެވަނަ ހަރުފަތަށް ދެވޭނީ. އެހެން ގޮސް އެންމެ މައްޗަށް ދެވެނީ. ވެއިޓަރެއްގެ ގޮތުގަ އުޅުމަކީ ހަޑި ކަމެއް ނޫން އަޅުގަނޑު ދެކޭގޮތުގައި. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ހަމަ އެކަނި ކަސްޓަމަރުން ގޮވާލީމަ، އެމީހުންގެ އޯޑާ ނަގައި ސާވް ކޮށްދިނުމެއް ވެސް ނޫން. ކޮފީ ގިރައި ހަދަނީ ވެސް އަޅުގަނޑުމެން އަމިއްލައަށް. ކޮފީ ބީންސް ރޯސްޓް ވެސް ކުރަން. ބަރިސްޓާ އިންނަކީ ކޮފީއަށް ހާއްސަ މީހުން. އެމީހުންގެ ހާއްސަ ކަމަކީ އެއީ އަސްލުގަ ކޮފީ ގިރުން. އެއީ ވެސް ހަމަ ކައްކާއިން ކަހަލަ ބައެއްނު އެހެންވީމަ. އެ ކަން ހަޑި ވާންވީ ކީއްވެ؟ ކަސްޓަމަރުގެ އޯޑާ ކަސްޓަމަރަށް ގެންގޮސް ދިނުމަކީ އެހާ ބޮޑު ކަމެއް ނޫނެއްނު،" ވެއިޓަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ ޒުވާނަކު އޭނާގެ ހިޔާލު ހިއްސާ ކުރި އެވެ.

ރާއްޖޭގައި ފްރެންޗައިޒް ކެފޭތައް ދަނީ ގިނަވަމުންނެވެ. ލޯކަލް ކެފޭތައް އެހާ ގިނަ އެވެ. ފްރެންޗައިޒް ކެފޭ ތަކުގައި ރާއްޖޭގެ ވެއިޓަރުން އެހާ ގިނައިން މަސައްކަތް ނުކުރި ނަމަވެސް، ރާއްޖޭގައި ހިންގާ އަމިއްލަ ކެފޭ ތަކުގައި މިހާރު ދިވެހި ޒުވާނުން މަސައްކަތް ކުރެ އެވެ. އަދި ރާއްޖޭގައި ހިންގާ ދިވެހިންގެ އަމިއްލަ ކެފޭތަކުގައި މަސައްކަތް ކުރުމަށް މުވައްޒަފުން ނެގުމުގައި ކެފޭތަކުން ވެސް ދިވެހި ޒުވާންނަށް އިސްކަން ދެ އެވެ.

"އަޅުގަނޑުމެން ބޮޑަށް ޓާގެޓު ކުރަނީ ޒުވާން ކުދިންނަށް. ޒުވާނުން މި މަސައްކަތުގެ މާހައުލަށް ނެރުން އަޅުގަނޑުގެ އެންމެ ބޮޑު އެއް މަސައްކަތަކީ. އަޅުގަނޑުމެން ކުރިއަށް ގެންދަން ޓްރެއިނިން ޕްރޮގްރާމްތަކެއް ވެސް. ސްކޫލް ކުދިން ވެސް ބައިވެރިވޭ ބައެއް ކުދިން އެބައުޅޭ މިހާރު ކެފޭ ތަކުގަ މަސައްކަތް ކުރަން ވެސް. ވަރަށް އުފާވޭ އެކުދިން އަމަލީ މައްދާނަށް ނުކުމެ އުޅޭތަން ފެނުމުން. އަޅުގަނޑު ގަބޫލު ކުރަނީ، ޓްރެއިން ވެގެން އަމަލީ މައްދާނަށް މަސައްކަތް ކުރަން ނުކުންނަ ކޮންމެ ކުއްޖަކީ، އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަ. ވަރަށް ބޮޑަށް އެދެން ވީހާވެސް ގިނަ ޒުވާނުން މިދާއިރާއަށް ނުކުތުމަށް. މިކަން ކުރާ ހިތްވާ ކޮންމެ ކުއްޖަކު ވެސް ކެރިގެން ކުރިމަތި ލާންވީ މީހުން ފާޑު ކިޔަސް އެއީ، ލިބޭ ހަޑި ބަހެއް ކަމުގައި ނުދެކެ ކުރިއަރަން ލިބޭ ފުރުސަތެއް ކަމުގައި ދެކެންވީ،" އަމިއްލަ ކެފޭއެއް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

ވެއިޓަރުންގެ ވަޒީފާ އަދާކުރާ ބައެއް ޒުވާނުންނާއި ކެފޭތައް ހިންގުމުގައި އިސްވެ އުޅޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކެފޭތަކަށް ހިދުމަތް ހޯދަންދާ ބައެއް ފަރާތްތަކުން އެތަންތަނުގައި މަސައްކަތް ކުރާ ދިވެހި ވެއިޓަރުންނަށް ފާޑުކިޔާ ބައެއް ފަހަރާ ދިމާކޮށް މޯޓިވޭޝަން ގެއްލުވާލަ އެވެ. ވެއިޓަރުންގެ ގޮތުގައި މަސައްކަތް ކުރާތީ އެފަދަ ކުދިންގެ މުސްތަގުބަލަށް އަސަރުކުރާ ގޮތަށް ބައެއް މީހުން އެއްޗެހި ބުނެ އެވެ.

"ބައެއް މީހުން ދެކެނީ މިއީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް. މި މަސައްކަތް ކުރާނީ ސްކޫލްގައި އެހާ ރަނގަޅު ރިޒަލްޓްސް ނުނެރެވޭ ކުދިން ކަމަށް. ބައެއް ކަސްޓަމަރުން ވެސް އަހާލާނެ ބައެއް ފަހަރު ކީއްވެހޭ ކެފޭ އެއްގަ ތި މަސައްކަތް ކުރަނީ. ފިއުޗާގައި ކެރިއާ އެއް ބިލްޑް ކުރަން ކިޔަވާކަށް ނުވިސްނަންހޭ. ބައެއް މީހުން މިކަން ދެކެނީ އަސްލު ވަރަށް ނެގެޓިވްކޮށް. ބައެއްފަހަރު މޯޓިވޭޝަން ގެއްލުވާލާ،" ކެފޭއެއްގައި މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވެސް ކެރިއާ ބިލްޑު ކުރެވޭނެ ކަމެއް. މިއީ ވެސް ހަމަ މަސައްކަތް ކޮށްގެން ކުރިއެރުން ވެސް ލިބޭނެ ކަމެއް އެހެން ވެސް މަސައްކަތްތައް ގޮތަށް. ބަރިސްޓާ އިންނަކީ ވެސް ހަމަ ހާއްސަ ޓްރެއިނިން ލިބިގެން މަސައްކަތުގެ މައިދާނަށް ނުކުންނަ މީހުން،"

ކޮންމެ މަސައްކަތަކީ ވެސް ކުރެވިދާނެ މަސައްކަތެކެވެ. ދަށު ދަރަޖައިގެ މަސައްކަތެއް ނުހުންނާނެ އެވެ. އެއީ ގަބޫލު ކުަރަން ޖެހޭ ހަގީގަތެކެވެ. އެމީހަކު ކުރާ ހިތްވާނަމަ، ކޮންމެ މަސައްކަތެއް ވެސް ކުރަންވީ އެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި އާއި ހަމަޔަށް ކުޑަކުޑަ މަސައްކަތުން ވެސް ވާސިލްވުމަށް މަސައްކަތް ކުރެވިދާނެ ކަން ގަބޫލް ކުރަން ޖެހެއެވެ. އެންމެ ފުރަތަމަ ފަށާ ކުޑަ މަސައްކަތަކީ ލަނޑުދަނޑި ހާސިލް ކުރުމަށް އެކޭ ފުރަތަމަ ފިޔަވަޅު ކަމުގައި ދެކިގެން މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކީ ވެސް ކާމިޔާބު މީހަކަށް ވާނެ ކަމާމެދު ޝައްކެއް ވެސް ނެެވެ.