އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، އިންޑިއާގެ އައި ލީގްގެ އެއް ވަނައިގައި އޮތް، މޯހަންބަގާންގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ރާއްޖޭގެ މާޒިޔާއިން ގުރޫޕްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، މާޒިޔާ ދެ ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެން ނެވެ. ގުރޫޕްގެ އެއް ވަނައިގައި އޮތީ، ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށް ނުވަ ޕޮއިންޓާއެކު އޮތް މުބާރާތުގެ އެންމެ ފަހުގެ ރަނަރަފު ބެންގަލޫރު އެފްސީ އެވެ. އެޓީމު ވަނީ އިއްޔެ އަމިއްލަ ދަނޑުގައި، ބަންގްލަދޭޝްގެ އަބްހާނީ ލިމިޓެޑް 2-0 ން ބަލި ކޮށްފަ އެވެ.
ކަލްކަތާގެ ރަބިންދަރަ ސަރަބޯރު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މާޒިޔާގެ ލަނޑު 34 ވަނަ މިނެޓް ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ދިން ފުރުސަތަކުން ކާމިޔާބު ކުރީ މުހައްމަދު އުމޭރެވެ.
މިދިޔަ އަހަރު އަމިއްލަ ދަނޑުގައި މޯހަންބަގާންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މާޒިޔާއިން ވަނީ އެޓީމާ ދެކޮޅަށް ރަނގަޅު ފައިޓެއް ދީފަ އެވެ. އެ މެޗު ނިމިގެން ދިޔައީ، މާޒިޔާ މެޗުން މޮޅުވާން ދަނިކޮށް، މޯހަންބަގާންއިން އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރި ލަނޑުން، މެޗު އެއްވަރު ވެގެން ނެވެ.
މާޒިޔާއިން މޯހަންބަގާންގެ މައްޗަށް ހޯދި މޮޅަކީ، 13 އަހަރު ފަހުން ދިވެހި ކުލަބަކުން އިންޑިއާގެ މައްޗަށް ހޯދި ފުރަތަމަ ކާމިޔާބީ އެވެ. އެގޮތުން، އެންމެ ފަހުން އިންޑިއާގެ ކުލަބެއް ބަލި ކުރީި ދިވެހި ޓީމަކީ ކުލަބު ވެލެންސިއާ އެވެ. ދެހާސް ތިން ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޕޮމިސްކަޕްގެ ގުރޫޕް ސްޓޭޖުގައި ވެލެންސިއާއިން ވަނީ އިންޑިއާގެ މަހިންދަރަ ޔުނައިޓަޑްގެ މައްޗަށް 4-2 ން މޮޅުވެފަ އެވެ. އެ އަހަރުގެ ޕޮމިސްކަޕް ކާމިޔާބު ކުރީވެސް މަހިންދަރަ އެވެ. ފައިނަލުގައި އެޓީމު ވާދަ ކުރީ ވެސް ވެލެންސިއާއާ ދެކޮޅަށެވެ.
މާޒިޔާއާ މޯހަންބަގާން މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.