ވިޔަފާރި

ކޮނޮއްޓާ ރިސޯޓު ޖުލައި މަހު ހުޅުވަނީ

އެމެރިކާގެ އައުޓްރިގާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ހުޅުވާ ގއ. ކޮނޮއްޓާ ރިސޯޓު ޖުލައި މަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ވާ ގޮތުން ސްޕީޑް ލޯންޗުގައި ކާޑެއްދޫ އެއާޕޯޓުން ދެވޭ ހިސާބުގައި އެމެރިކާގެ ހަވާއީ އަށް ނިސްބަތްވާ "އައުޓްރިގާ ހޮޓެލްސް އެންޑް ރިސޯޓްސް" އިން ތަރައްގީކުރާ މި ރިސޯޓުގައި 27 ބީޗް ފޮރޮންޓް ވިލާ އާއި ދެ ބެޑްރޫމް ޕޫލް ވިލާ އަދި 12 ޕޫލް ވިލާވެސް ހުރެ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ފަށާފައިވާ މި ރިސޯޓު ތަރައްގީކޮށްފައިވަނީ އައިމާ ކޮންސްޓްރަކްޝަނާއި ޕީސީއެޗް ހޯލްޑިންގް ހިއްސާވެގެން އުފައްދާފައިވާ ކްރިސްޓަލް ލެގޫން ކުންފުނިންނެވެ. މި ދެ ކުންފުނިން މިދިޔަ އަހަރު ވަނީ މި ރިސޯޓު 40 މިލިއަން ޑޮލަރަށް އައުޓްރިގާ ހޮޓެލްސް އެންޑް ރިސޯޓަށް ވިއްކާލާފަ އެވެ.