ހަބަރު

އިސްލާމިކް ފައިނޭންސް ކުރިއަރުވަން ޕީއެސްއެމާއި އެމްސީއައިއެފް އެއްބަސްވެއްޖެ

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް) އެމްއޯޔޫ އެއްގައި ސޮއި ކޮށްފި އެވެ.

ޕީއެސްއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ހަލީލެވެ. އެމްސީއައިއެފްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ދީދީ އެވެ.

މެނޭޖިން ޑިރެކްޓާ އިބްރާހިމް ދީދީ ވިދާޅުވީ، މި އެއްބަސްވުމަކީ، އެމްއައިސީއެފް އާއި ޕީއެސްއެމް ގުޅިގެން އިސްލާމިކް ފައިނޭންސްއާބެހޭ މައުލޫމާތު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދީ، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައިވި އެއްބަސްވުމެއް ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން އިސްލާމިކް ފައިނޭންސް އާއި ގުޅުން ހުރި ތަފާތު ޕްރޮގްރާމްތައް އުފައްދާ ގެނެސް ދޭނަން. އަދި މި ދާއިރާ އާއި ގުޅުން ހުރި ރިސާޗްތައް ވެސް ދެ ފަރާތް ގުޅިގެން ހަދާނެ. އަދި ހޯދޭ ހޯދުން ތަކުގެ އަލީގައި، މި ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނަން." އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ހަލީލް ވިދާޅުވީ، މި އެމްއޯޔޫގެ ބޭނުމަކީ ވީހާ ވެސް ފަސޭހައިން އެނގޭގޮތަށް މައުލޫމާތު ފެތުރުން ކަމަށާއި، މީޑިއާގެ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކެއް އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ބިނާކުރުން ކަމަށެވެ.