ހަބަރު

ނުހައްގު މުއްސަދިކަން ހޯދާ މީހުންނަށް ފިޔަވަޅު އެޅުމުގެ ބާރު އޭސީސީއަށް ދޭން ޖެހޭ: ޒިޔަތު

ނުހައްގު މުއްސަދިކަން ހޯދާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ގޮވާލައްވައިފި އެވެ.

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒިޔަތު ވިދާޅުވީ ރާއްޖޭގައި ނުހައްގު މުއްސަނދިކަމަކީ ކުށެއްގެ ގޮތުގައި ގާނޫނުތަކުގައި ކަނޑައަޅަން ޖެހިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ ބާރާއި އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރުވެރިކަން އޭސީސީ އަށް ދޭން ޖެހިފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ އެންމެ މުއައްސަސާއެއްގެ މަސައްކަތުން ފުހެލެވޭ ވަރުގެ ކަމެއް ނޫނެވެ. ރަނގަޅު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ނޫނީ ކޮރަޕްޝަންގެ ވަބާ ނައްތާނުލެވޭނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ ދައުލަތުގެ ފައިސާ ހޭދަކުރެވޭ ގޮތް ބަލައި ވެރިން ޒިންމާދާރު ކޮށް އާންމުން ހޭލުން ތެރި ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ތަހުގީގީ އިދާރާތަށް ބާރުވެރި ކުރުވައި ކުށްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅި ޝަރުއީ ނިޒާމުގެ އިތުބާރު ދަމަހަށްޓަން ޖެހޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ. ކޮރަޕްޝަނަކީ ޑިމަކުރަސީ އާއި ގާނޫނީ ހުކޫމަތުގެ ބާރު ކަނޑުވާލައި މުޖުތަމައު ފަސާދަ ކުރުވާ އެއްޗެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮރަޕްޝަނުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސް އޮޅިގެން ކުރެވޭ ކުށްތައް އިތުރުވެގެން ދޭ. ކޮރަޕްޝަން ހުއްޓުވުމަކީ ވަކި މީހެއްގެ ޒިންމާއެއް ނޫން. އެއީ ކޮންމެ މީހެއްގެ ވެސް ފަރުދީ ވާޖިބެެއް" ޒިޔަތު ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

މި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ނެރޭ ނިއުސްލެޓާ، "ހުދު ކަރުދާސް އެކެއް" ވަނީ މިއަދު ނެރެފަ އެވެ. އެ އެޑިޝަންގައި ހިމަނާފައި ވަނީ އިންތިހާބުތަކާ ގުޅިގެން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި އެފަދަ ކަންކަމުން ފައިސާ ހޯދުމާ ގުޅޭ ގޮތުންނެވެ.