ހަބަރު

ހިލްޓަންއަށް ބަދަލު ނަގައިދެވޭނީ ސިވިލް ކޯޓަށް ކަމަށް ހައިކޯޓުން ނިންމައިފި

މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ނ. އިރުފުށި ރިސޯޓް ހިންގުމަށް ހިލްޓަން ގްރޫޕާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ސަން ޓްރެވަލް އިން އުވާލި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒުކޮށް ދެވޭނީ ސިވިލް ކޯޓަށް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިންގަޕޫރުގެ އާބިޓްރޭޝަންގައި 2013 ވަނަ އަހަރުން ފެށިގެން ހިނގަމުން އައި އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމީ، ސަން ޓްރެވަލްސް އިން 2009 ވަނަ އަހަރު ހިލްޓަން އާ އެކު ހަދާފައިވާ އެއްބަސްވުން ސަން ޓްރެވަލް އިން އުވާލާފައި ވަނީ ރަނގަޅަށް ނޫން ކަމަށްވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 24 މިލިއަން ޑޮލަރު ނަގައި ދިނުމަށެވެ.

މި އެންގުން ތަންފީޒުކޮށްދިނުމަށް ހިލްޓަންއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ކޯޓުގެ އިހުތިސޯސްގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެ މައްސަލާގައި ހުކުމް އިއްވާފަ އެވެ. ސިވިލް ކޯޓުގެ އެ ހުކުމުގައި ބުނެފައިވަނީ އެ މައްސަލަ ބެލޭނީ ހައިކޯޓަށް ކަމަށެވެ. ނަމަވެސް ހައިކޯޓުގައި ހިލްޓަންއިން އެ ހުކުމް އިސްތިއުނާފުކުރުން މިއަދު އެ ހުކުމް ވަނީ ބާތިލުކޮށްފަ އެވެ.

މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އާބިޓްރޭޝަންގެ ނިންމުންތައް ރާއްޖޭގައި ތަންފީޒުކުރާނީ ކަމާބެހޭ ކޯޓުން ކަމަށް އާބިޓްރޭޝަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ކަމާބެހޭ ކޯޓަކީ ސިވިލް ކޯޓު ކަމަށެވެ. އެއީ އާބިޓްރޭޝަންގެ މައްސަލަތައް ބެލުމާ ގުޅޭގޮތުން ހައި ކޯޓުން ހަދާފައިވާ ގަވާއިދަށާއި ހުކުމްތަކާއި އަމުރުތައް ތަންފީޒު ކުރުމުގައި އަމަލުކުރާ ގޮތަށް ބަލާއިރު ވެސް ކަމާބެހޭ ކޯޓަކީ ސިވިލް ކޯޓުކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ.

އާބިޓްރޭޝަން ނިންމުން ތަންފީޒުކުރެވޭނީ ސިވިލް ކޯޓަށް ކަމަށް ކަނޑައަޅައިދިނުމަށް ހިލްޓަންއިން ހުށަހެޅި މައްސަލާގައި ޖަވާބުދާރީވަމުން ސަން އިން ވެސް އެކަމަށް އިއުތިރާޒްނުވާ ކަމަށް ބުނެފަ އެވެ. އެ ފަރާތުން ވެސް ދެކޭ ގޮތުގައި އާބިޓްރޭޝަންގެ ނިންމުންތައް ތަންފީޒުކުރުމުގެ އިހުތިސޯސް އޮންނާނީ ސިވިލް ކޯޓުގަ އެވެ.

ނަމަވެސް ސަންގެ ވަކީލް ވިދާޅުވެފައިވަނީ ހިލްޓަން މައްސަލާގައި އާބިޓްރޭޝަނުން އަންގާފައިވާ އެންގުމަކީ ތަންފީޒު ކުރެވޭނެ އެންގުމެއް ނޫން ކަމަށެވެ. އެއީ އެ އެންގުމަކީ ރާއްޖޭގެ އާންމު ނިޒާމާ ހިލާފް ބާތިލް ނިންމުމެއް ކަމަށްވާތީ ކަމަށެވެ.

އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލަ އަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގަ އެވެ.