ހަބަރު

ދަރަނި ދައްކާފައި އޮތުމުން ނަދީމްގެ މައްސަލަ ނުބަލަން ނިންމައިފި

ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ސިވިލް ކޯޓަށް ހާޒިރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްސަލަ ނުބަލަން ނިންމައި، އެ މައްސަލަ ނިންމާލައިފި އެވެ.

ނަދީމް ހޯދުމަށް އިއްޔެ ފުލުހުން އެންދެރިމާގެއަށް ގޮސްފައިވާއިރު އިއްޔެ ވަނީ އަތޮޅުވެއްސަށް ނަދީމް ހާޒިރު ވެސް ކުރުވާފަ އެވެ. އަދި މިއަދު ކޯޓަށް ހާޒިރުވާންޖެހޭ ގަޑީގެ އެއް ގަޑިއިރު ކުރިން އަތޮޅުވެއްސަށް ހާޒިރުވާން އަންގާފަ އެވެ.

ފެނަކައިގެ ކުރީގެ ޗެއާމަން ނަދީމްގެ ހިއްސާ އޮންނަ ކުންފުންޏެއް ސާބިތު ދަރަނީގެ މައްސަލާގައި މިއަދު ނަދީމް ކޯޓަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

ނަމަވެސް އެ ދަރަނި މިހާރު ދައްކާފައި އޮތުމުން މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ސިވިލް ކޯޓުން ނިންމާފައިވާ ކަމަށް ކޯޓުން ނިކުމެވަޑައިގެން ނަދީމް ވިދާޅުވި އެވެ.

ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަދީމް ވިދާޅުވީ، މައްސަލަ ބައްލަވާ ގާޒީ ސެކްޝަނުގެ އިދާރީ މުވައްޒަފަކު ވަނީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދާނެކަން އަންގާފަ ކަމަށެވެ.

ނަދީމް ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ކޯޓުތަކުން ގާނޫނުގައިވާ ފަދައިން މައްސަލަ ބަލާނެ ކަމަށާއި ނަމަވެސް އޭނާ ކޯޓަށް ހާޒިރުކުރަން އަމަލުކޮށްފައިވަނީ އިޖުރާއަތްތަށް ފުރިހަމަނުކޮށް ކަމަށެވެ. އެކަމަށް ކޯޓުން ދިން ޖަވާބަކީ ފެބްރުއަރީ މަހު ޗިޓް ހަވާލުކުރަން ދިޔަ ނަމަވެސް ގޭގައި ނޫޅުއްވާތީ ޗިޓް ހަވާލު ނުކުރެވިފައިވާ ކަމަށެވެ. އަދި ރެޑް ނޯޓިސް ގޭގައި ތިއްބުން ނުވަތަ ފުލުހުންގެ ބެލުމުގެ ދަށުގައި ކޯޓަށް ހާޒިރުކުރަން އެނގުމަކީ ގާޒީއަށް އޮންނަ އިހްތިޔާރެއް ކަމަށެވެ. ނަދީމް ވިދާޅުވީ، އެކަމަށް ވެސް އިހްތިރާމް ކުރައްވާ ކަމަށެވެ.