ކުޅިވަރު

ކުޅިވަރު އެސޯސިއޭޝަންތައް އެންމެ ފަހުން ކޮމިޝަންގެ ދަށަށް

Apr 20, 2017

ދެހާސް ފަނަރަ ވަނަ އަހަރު މަޖިލިހުން ފާސްކޮށް، ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ގާނުނުގެ ދަށުން، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބު، ޖަމްއިއްޔާތައް ސްޕޯޓްސް ކޮމިޝަންގެ ބެލެނިވެރިކަމުގެ ދަށަށް ބަދަލު ކޮށްފި އެވެ.

މީގެ ކުރިން، ކުޅިވަރު އެސޯސިއޭޝަން ތަކާއި ކުޅިވަރު ކުލަބުތަކުގެ ދަފުތަރު ބަލަހައްޓާނީ، ހޯމް މިނިސްޓްރީގެ މަދަނީ ޖަމްއިޔާތަކާބެހޭ ޑިޕާޓްމެންޓުން ނެވެ. ހޯމް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކާ މެދުވެސް އަމަލު ކުރަނީ އާންމު ޖަމްއިއްޔަތަކާއި ޖަމާއަތްތަކާބެހޭ ގާނޫނުގެ ދަށުން ނެވެ.

އެހެންވެ، އެ އުސޫލުގެ މަތިން ކުޅިވަރު އެސޯސިއޭޝަންތަކާމެދު އަމަލު ކުރުމުން، ކުޅިވަރު އެސޯސިއޭޝަންތަކަށް ގިނަ ދަތިތަކެއް ކުރިމަތިވި އެވެ. އެގޮތުން 2015 ވަނަ އަހަރު އެފްއޭއެމްގެ އަސާސީ ގަވާއިދަށް ފީފާގެ އަސާސީ ގަވައިދާ އެއްގޮތަށް ބަދަލު ގެނައި ނަމަވެސް، ހޯމް މިނިސްޓްރީގެ ޖަމްއްޔާތަކާބެހޭ ގާނޫނުގައި އޮންނަން ޖެހޭ ގޮތަށް ނެތުމުން، ހޯމް މިނިސްޓްރީން އެފްއޭއެމްގެ އަސާސީ ގަވާއިދު ރަޖިސްޓްރީކޮށް ދީފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

"ހޯމް މިނިސްޓްރީގެ ތެރެއިން އެކަން އޮތުމުން ގިނަ ފަހަރަށް ވަރަށް ގޮންޖެހުންތަކާ ކުރިމަތިވޭ، ހޯމް މިނިސްޓްރީގެ ޖަމްއިއްޔާތަކާ ބެހޭ ރަޖިސްޓާއަކަށް ހުންނަވާނީކީ ކުޅިވަރު އެޑްމިނިސްޓްރޭޝަންގެ ބޭފުޅަކަށް ނުވުމުން، ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިމަތިވާނެ ދަތިތަކެއް އެތާ ހުންނަވާ ބޭފުޅަކަށް އެނގިވަޑައި ނުގެންފަނެ ނަމަވެސް ކުޅިވަރު އެސޯސިއޭޝަންތައް ވަކިކޮށް، އެކަމަށް ވަކި މުއައްސަސާއެއް އުފެއްދުމަކީ ކުޅިވަރު އެޑްމިނިސްޓްޝަން ލެވަލުގައި ވެސް ކުރިއަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް." ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އެކްސްކޯގައި ހިމެނިވަޑައިގަންވާ ބޭފުޅަކު ވިދާޅުވި އެވެ.

ސްޕޯޓްސް ކޮމިޝަނާ އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވީ، ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމުގައި، މިހާރުވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮތުގައި އޮތް، އެސޯސިއޭޝަންތަކަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

"އެހެން ފަރާތަކުން ހުށަހަޅާފާނެ، ފުޓްބޯޅަ އެސޯސިއޭޝަން ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ގޮތުގައި ރަޖިސްޓަރީ ކުރަން، ނަމަވެސް އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮތުގައި ރަޖިސްޓާރީ ކުރަން ފުރުސަތު ދޭނީ މިހާރުވެސް އޮތް އަދި ސަރުކާރުން ބަޖެޓް ދޭ ކުޅިވަރު އެސޯސިއޭޝަންތަކަށް،" ޑޭވް ވިދާޅުވި އެވެ.

އެސޯސިއޭޝަންތައް ކޮމިޝަންގައި ރަޖިސްޓަރީ ކުރަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކަށް އޮތީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑޭވް ވިދާޅުވީ، އެސޯސިއޭޝަންތައް ޒިންމާދާރު ކަމާއެކު ހިންގަން ބާރު އެޅުމުގެ އިތުރަށް އެސޯސިއޭޝަންތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްވެސް އޭނާ އިސްކަން ދެއްވާނެ ކަމަށެވެ.