ހަބަރު

އިންޑިއާގެ ކިބައިން އެދެނީ މަޝްވަރާ ކުރާނެ މަގެއް ހޯދައިދިނުމަށް: ނަސީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމްކޮށް ޖަލަށް ލާފައި ވާތީ މިހާރު އިންޑިއާގެ ކިބައިން އެދޭ އެދުމަކީ ނަޝީދު މިނިވަން ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މަގެއް ހޯދައިދިނުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ ސީއެންްއެން-އައިބީއެން އަށް ދެއްވި އިންޓަވިއުއެއްގައި ނަސީމް ވިދާޅުވީ ޓެރަރިޒަމްގެ ކުށުގައި ނަޝީދު 13 އަހަރަށް ޖަލަށް ލާފައި ވަނީ ނަޝީދު ހައްޔަރުކުރުމުންނާއި ޝަރީއަތް ފެށުމުން ވެސް އެކަމާ އިންޑިއާ އިން ކަންބޮޑުވާ ކަމަށް ބުނަމުން ދަނިކޮށް ކަމަށް ވިޔަސް އިންޑިއާގެ މަސައްކަތުން ނަތީޖާއެއް ނުނިކުންނަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އިންޑިއާ އިން ދަނީ ވަރަށް ގިނަ މަސައްކަތް ކުރަމުން. އިންޑިއާގެ މަސައްކަތާ މެދު ހިތްހަމަނުޖެހެޔޭ ވެސް ބުނެވޭކަށް ނެތް،" ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އިންޑިއާ އިން މިހާރު އެ ކުރާ މަސައްކަތް ނުކުރާ ނަމަ ނަޝީދު ވާނީ އަަވަހާރަކޮށްލާފައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދު މިނިވަން ކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ފެށުމަށް އިންޑިއާ އިން ދިވެހި ސަރުކާރަށް ޕްރެޝަރުކުރަން ޖެހެ އެވެ.

ނަސީމްގެ އެހެން އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ފަދައިން މި އިންޓަވިއުގައި ވެސް ވިދާޅުވެފައި ވަނީ ރާއްޖޭގައި މިިހާރު ހިނގަމުން ދަނީ އިންޑިއާގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންތައްތަކެއް ކަމަށާއި އެހެންވެ އަސްކަރީ ބާރުގެ ބޭނުންކުރުމުގެ އިހްތިޔާރު އިންޑިއާ އަށް އޮންނާނެ ކަމަށެވެ. އެ އިހްތިޔާރު ލިބެނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ އެެއްބަސްވުމުގެ ދަށުން ކަމަށާއި އެކަމަކު އަސްކަރީ ބާރުގެ ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ އިންޑިއާ އިން ކަމަށް ނަސީމް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ރާއްޖެ އަށް ވަޑައިގަތުން ކެންސަލް ކުރެއްވުމާ ބެހޭ ގޮތުން ނަސީމް ވިދާޅުވީ އެއީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ބޮޑުވަޒީރަށް ރައްދު ކުރައްވަން ބޭނުންވާ މެސެޖަކީ ވެސް ނަޝީދު މިނިވަން ކުރުމާ ބެހޭ ގޮތުން ދިވެހި ސަރުކާރާ އެކު މަޝްވަރާތައް ފެށޭނެ މަގެއް ހޯދައިދިނުން ކަމަށެވެ.