ރިޕޯޓް

ސަރުކާރުގެ ސައްހަކަމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެތަ؟

ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ބުނާގޮތުން ސަރުކާރެއް ގެނައުމަށް ތާއީދުކޮށް ބައިއަތު ހިފާ ބަޔަކު އެ ސަރުކާރާއި ފެއަށްޖެހި ނުވަތަ އެ ސަރުކާރާއި ނުރުހި ދެކޮޅުވެރި ވުމަކުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއްގެ ގާނޫނީ ހައިސިއްޔަތެއް ނުގެއްލެ އެވެ. އެއީ އެހެން އޮތް ކަމެއް ނޫނެވެ. ގެއްލޭނެ ކަމަކަށް ގާނޫނު އަސާސީއަކުވެސް ނޯންނާނެ އެވެ. ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ އެއްވެސް ގާނޫނެއްގައި ވެސް އެހެން ބަޔާން ކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެފައިވަނީ ރައްޔިތުން ވޯޓު ދޭނީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރާށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކޮށް ބައިއަތު ހިފާ ބަޔަކަށް ނުވަތަ ޕާޓީ ތަކެއް އިންތިޚާބު ކުރަން ވޯޓުދޭ ވާހަކައެއް ގާނޫނު އަސާސީގައި ވެސް އަދި ގާނޫނެއްގައި ވެސް ބުނެފައެއް ނޯންނާނެ އެވެ.

ނަމަވެސް ބައެއް ސިޔާސީ ބޭފުޅުންނަށް މިހާރު އެކަންކަން އޮޅިވަޑައިގެން ނޫނީ އެބޭފުޅުންނަށް ރަނގަޅަށް ބައެއް ކަންކަން ފިލާވަޑައި ނުގެން ތިއްބަވައިގެން އެވާހަކަ އެހެން ގޮތަކަށް ދައްކަވައި ރައްޔިތުންނަށް އެހެން ގޮތަކަށް ކަންކަން ވިސްނައި ދެވޭތޯ މަސައްކަތް ކުރައްވަ އެވެ.

ގާނޫނީ ގޮތުން ސަރުކާރު ސައްހަތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން، ވެރިކަމަށް ވަޑައިގެންނެވުމަށް ނުކުމެވަޑައިގެން މިހާރު ސަފުގައި ތިއްބެވި ބައެއް ބޭބޭފުޅުން އެހެން ގޮވާލައްވަ އެވެ. އެފަދަ ބޭފުޅުން އެހެން ގޮވާލައްވާއިރު އެއީ ގާނޫނީ ކޮން މަސްދަރެއްގެ މައްޗަށް ބުރަވެ ތިއްބަވައިގެން ގޮވާލައްވާ ގޮވާލެއްވުމެއްތޯ ވިދާޅުވެ ދެއްވަންޖެހޭނެ އެވެ.

ހަގީގަތުގައި ގާނޫނީ ގޮތުން އެއްވެސް ތާކުންތާކު ނުޖެހޭ، ބުރަދަން ނުހިފޭ ވާހަކައެއް ދައްކަވައިގެން ރައްޔިތުންގެ ތާއީދު ލިބިވަޑައިގެންފާނެ ކަމަށް ބައެއް ސިޔާސީ ލީޑަރުންނަށް ހީފުޅު ވެލައްވާ ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.

އެފަދަ ވާހަކަ ދައްކަވަނީ މީގެ ކުރިން އެފަދަ ބޭފުޅުން ސަރުކާރުގެ ތެރޭގައި ތިއްބެވިއިރު އެ ސަރުކަރާއި ވެރިމީހާ ވަރެއް ނެތް ކަމަށް ވިދާޅުވެ ތަޢުރީފުގެ ބަސްތައް އޮއްސެވި ބައެއް ބޭފުޅުންނެވެ. އެންމެ އަޑުހަރުކޮށް މިވާހަކަ ދައްކަވަނީ "ފާޚާނާ ސާފުކުރަން ހަވާލު ކުރެއްވިޔަސް ހިތުން ރުހުމުން އެކަންވެސް ކުރާނަން" ކަމަށް ކައިރި މާޒީއެއްގައި ވިދާޅުވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

އޭގެ ތެރޭގައި ހަމަހޭ ހުއްޓާ ދުވަހަކުވެސް އެބަޔަކަށް ތާއީދުކޮށް އެއްގަލަކަށް އަރާވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ ﷲ ގަންދީ ހުވާވެސް ކުރައްވާފައިވާ ބޭފުޅުން ހިމެނި ވަޑައިގަންނަވަ އެވެ.

މިފަދަ ބޭފުޅުންނަކީ ކުއްލިއަކަށް ސަރުކާރާއި ދެކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން އެމީހުންގެ ސިޔާސަތުތަކާއި އުސޫލުތައް ކަމު ދިއުމުން އެމީހުންނަށް ތާއީދު ކުރައްވަން ފައްޓަވާއިރު އެމީހުންގެ ތެރެއިން ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަންނަވަން ހަމައެކަނި ހުންނެވި ލީޑަރަކީ، އެމީހަކު ދުވަހަކު ރާއްޖޭގެ ވެރިކަމުން ފެނިވަޑައި ނުގެންނެވުމަށް އެދިވަޑައިގެންނެވި ބޭފުޅުންނެވެ.

އެމީހަކު ވެރިކަމަށް ގެންނަން ހަށީގައި ހޭހުއްޓާ މަސައްކަތް ވެސް ނުކުރައްވާނެ ކަމާއި ވެރިކަމަށް ގެންނަން ތާއީދުވެސް ނުކުރައްވާނެކަމަށް ވިދާޅުވި ބޭފުޅުންގެ ޚިޔާލު އެނބުރިގެން ދާ ވަގުތު ނުވަތަ ކުރީގެ ފިކުރާއި ޚިޔާލާތު ބަދަލުވެގެން ދާއިރު ކުރިން ކުރެއްވި ހުވަޔާއި ވެވަޑައިގެންނެވި ވައުދު ތަކުގެ މަތީންވެސް ހަނދުމަފުޅު ނެތި މިފަދަ ވާހަކަފުޅެއް ދެއްކެވިދާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެއީ ވެދާނެ ގޮތެކެވެ.

އިދިކޮޅަށް ކިތަންމެ ގިނަ ލީޑަރުން އަރާވަޑައިގެންނެވިޔަސް އަދި އެބޭފުޅުން އަތާއަތް ގުޅުއްވާލައްވައިގެން އެކުއެކުގައި ކިތަންމެ ބޮޑު ގަލަކަށް އަރާވަޑައިގެން ތިއްބެވިޔަސް ރާއްޖޭގައި އަމަލު ކުރަމުން ގެންދާ ޒަމާނީ ޑިމޮކްރެސީ ނިޒާމުގައި އޮތީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ ވޯޓަކުން ވެރިއަކު ހޮވާށެވެ.

ދައުރުގެ މެދު ތެރެއިން ވޯޓު ނެގުމުގެ ވާހަކައާއި ދައުރު ހަމަ ނުވަނީސް އިސްތިއުފާ ދެއްވާފައި ވެރިކަން ބޭނުންވާއިރަށް އިންތިޚާބު ބާއްވައިގެން ވޯޓު ނަގާ ވާހަކައަކީ ވަކި ބަޔަކު އެކަން އެގޮތަށް ބޭނުން ވުމުން އެ ބައެއްގެ ޑިމޮކްރެސީގައި އޮންނަ ގޮތެކެވެ. މިވާހަކަ ވިއްކޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.