ހަބަރު

އުނގެނުމުގައި މަކަރު ނުހަދަން ރައީސް ނަސޭހަތްތެރިވެވަޑައިގެންފި

ތައުލީމް ހާސިލް ކުރާ ދަރިވަރުން އިމްތިހާންތަކުގައި މަކަރު ހެދުމަކީ އޭގެ ހިތި ނަތީޖާ މުސްތަގުބަލުގައި އެ ކުއްޖަކަށާއި ގައުމަށް ދައްކާނެ ކަމެއް ކަމަށާއި އެކަން ނުކޮށް އަމިއްލަ ހުނަރު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެން ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ދަރިވަރަކީ އިމްތިހާނުގެ ނަތީޖާގައި އެއްވަނަ ލިބޭނެ ދަރިވަރަކަށް ނުވެ ހިނގައިދާނެ ކަމަށާއި ނަމަވެސް ކޮންމެ ކުއްޖެއްގެ ވެސް ފޮރުވިފައިވާ އަމިއްލަ ހުނަރެއް ހުންނާނެ ކަމަށެވެ. އަދި އެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭނީ އެ ކުއްޖެއްގެ މުދައްރިސުންނާއި މައިންބަފައިނާއި ކުއްޖާ ކަމަށާއި އެކަން ކުރުމުގައި މަކަރު ހެދުމަކީ އެކަމުގެ ހިތި ނަތީޖާ ފަހުން ފެނިދާނެ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މަދަރުސާ ހަޔާތް ނިންމާލާފައި މަސައްކަތުގެ މާހައުލަށް ނިކުންނަ އިރު މަކަރު ހަދާފައި ތިބި ކުދިންނަށް ކުރިއެރުން ހޯދަން ދަތިވާނެ ކަމަށާއި އެހެންކަމުން އަމިއްލަ ހުނަރު ތަރައްގީކޮށް އެގޮތަށް އަމަލުތައް ބައްޓަން ކުރުމަށް ޓީޗަރުން ވެސް ދަރިވަރުންނަށް އެހީތެރިވާން ޖެހޭ ކަމަށެވެ.

"ހުރިހާ ކުދިންނަކީ ތައުލީމުގެ ރަނގަޅު ނަތީޖާއެއް ހޯދާ ކުދިންނަށް ނުވެދާނެ. އެކަމަކު ޝައްކެއްވެސް ނެތް ﷲ ގެ ރަހްމަތުން މަހުރޫމްވާ ކުދިންނެއް ނުތިބޭނެ. ކުއްޖަކީ ނުކުޅެދޭ ކުއްޖަކަށްވީ ނަމަވެސް ފޮރުވިފައި ހުރި ހުނަރުތަކެއް ހުންނާނެ. ދުނިޔޭގެ އެންމެ މަޝްހޫރު ފަންނީ މީހުންގެ ތެރެއިން އެއްބަޔަކީ ލޯފަން މީހުން އަނެއްބައި މީހުންނަކީ ބީރު މީހުން އަނެއްބާ މީހުންނަކީ ވާހަކަ ނުދެއްކޭ މީހުން. ނަމަވެސް އެމީހުންނަކީ ދެވަނައެއް ނެތް ފަދަ ކުރިއެރުން ހޯދާފައިވާ މީހުން. އެހެންވެ އެ ހުނަރު ހޯދަން މަސައްކަތް ކުރަން ވާނެ،" ރައީސް ވިދާޅުވި އެވެ. "އެކަން ހާސިލު ކުރުމަކީ ގަދަ އަޅާ މަސައްކަތްކޮށްފި ނަމަ ފަސޭހަ ކަމެއް. ނަމަވެސް އެކަމެއްގަ ދެމި ހުރުމަކީ އުނދަގޫ ކަން. އިމްތިހާނުތަކުގައި މަކަރު ހަދައިގެން އެކަމެއް ނުކުރެވޭނެ. ސްކޫލު އިމްތިހާނުތަކުގައި މަކަރު ހަދައިފި ނަމަ އަމިއްލަ ހަޔާތައް ވެސް އެ މަކަރު ހެދެނީ،"

ބޭރުގެ ލެކްޗަރާއެއް ވިދާޅުވެފައިވާ ބައެއް ވާހަކަތަކުން މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ ގައުމެއް ހަލާކުކޮށްލުމަށް ނިއުކްލިއާ ބޮމެއް ނުވަތަ ވަރުގަދަ ހަތިޔާރެއް ބޭނުމެއް ނުވާނެ ކަމަށާއި ތައުލީމީ ނިޒާމަށް އިހުމާލުވެ އެ ނިޒާމު ފެއިލް ވެއްޖެ ނަމަ އެ ގައުމެއް ހަލާކުވެގެންދާނެ ކަމަށެވެ. އަދި އެކަމަށް މަގުފަހި ކުރުވާ އެއްކަމަކީ ތައުލީމަށް މަކަރު ހެދުން ކަމަށާއި އެކަން ހުއްޓުވުމަށް ޓީޗަރުން ވެސް ސަމާލުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ބިޔަ މަޝްރޫއުތައް ނިމުމަށް ފަހު އެ ތަންތަން ބެލެއްހެޓުމުގެ މަސައްކަތް ބޭރު ބަޔަކާ ހަވާލުކޮށްގެން ނުވާނެ ކަމަށާއި އެ މަސައްކަތާ ހަވާލު ވާން ޖެހޭނީ މިހާރު ތައުލީމު އަދާކުރަމުންދާ ދިވެހި ދަރިވަރުން ކަމަށެވެ.