ލައިފްސްޓައިލް

ވަރަށް ސުވާލު ގިނަދޯ؟ ދަރިފުޅާ ގުޅިގެން ޖަވާބު ހޯދާ!

Apr 22, 2017

އަލަށް ވާހަކަ ދައްކަން ފަށައިގަންނަ ކުދިންނާއި އުމުރުން ހަތަރު ފަސް އަހަރު ކުދިންގެ ވަރަށް ސުވާލު ގިނަ ވާނެ އެވެ.

"މަންމީ ކީއްވެ އުޑު ނޫ ކުލައިގެ ހުންނަނީ؟ ކީއްވެ އުޑު މަތީގައި އޮންނަނީ؟ ކީއްވެ ރުކުގައި ފައި ނުހުންނަ އިރުވެސް ނުވެއްޓެނީ؟ ކީއްވެ ގަސް އަބަދު އެއް ތަނެއްގައި ހުންނަނީ؟" މި ކަހަލަ އެތައް އެތައް ސުވާލެއް ކުޑަ ދަރިފުޅު ކުރާނެ އެވެ. މިއިން ގިނަ ސުވާލު ތަކަކީ ޖަވާބު ދޭން އެނގޭ ސުވާލުތަކެއް ނޫނެވެ. ޖަވާބު ނޭނގުމަކީ ދަރިފުޅު ގަބޫލު ކުރާނެ ކަމެއް ވެސް ނޫނެވެ.

އެ ސުވާލުތަކަށް ޖަވާބު ދިނުމަކީ ވެސް ފަސޭހަ ކަމަކަށް ނުވެ އެވެ. އެއް ސުވާލަށް ޖަވާބު ދިނުމުން އެދޭ ޖަވާބަކުން އެތައް ސުވާލު އުފައްދާނެ އެވެ. ޖަވާބެއް ނުދީ ހުރުމަކީ ހައްލެއް ނޫނެވެ. އަބަދުވެސް ދަރިފުޅަށް ޖަވާބުދާރީ ވާންވާނެ އެވެ.

އެހެން ކަމުން އަބަދުވެސް ދަރިފުޅަށް ވިސްނައިދޭން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ހުރިހާ ސުވާލަކަށް ޖަވާބެއް ނުހުންނާނެ ކަމެވެ. އަދި އަބަދުވެސް އެނގޭ މިންވަރަކުން ދަރިފުޅަށް ޖަވާބު ދޭން ވާނެ އެވެ. "ދަރިފުޅު ބޮޑުވީމަ އެނގޭނެ." ނުވަތަ "އަދި އެ ކަންތައްތައް އެނގޭ ވަރަށް ވުރެ ދަރިފުޅު ކުޑަ" އޭ ކުއްޖާ ގާތުގައި ވިސްނޭ ގޮތަށް ނުބުނާށެވެ. އެއީ ދިން ޖަވާބަކީ ކުއްޖާ އެކަން ހޯދުން ހުއްޓާލާނެ ހިސާބު ނޫން ވީމަ އެވެ.

ކުއްޖާއަށް ވިސްނޭނެހެން ޖަވާބު ދިނުމަކީ ކުއްޖާގެ ސުވާލުތައް މަދުވާނެ ކަމެކެވެ. ކުރާ ސުވާލަކަށް ޖަވާބުދޭން ނޭނގިއްޖެނަމަ ކުއްޖާ އާއި ގުޅިގެން ޖަވާބު ހޯދާށެވެ. ކުއްޖާގެ ޝައުގުވެރިކަން އެ ދިމާލަށް ދަމައިގަނެވޭނެ ވެސް މެއެވެ. ޓެކްނޮލޮޖީގެ ގޮތުން މިހާބޮޑަށް ކުރިއަރާފައިވާ ޒަމާނެއްގައި އިންޓަނެޓު މެދުވެރިކޮށް އެއްޗެއްގެ ޖަވާބު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.

ކުއްޖާ އާއެކު ޖަވާބެއް ހޯދަން އުޅުމަކީ ތިބާ ދަށްކޮށްލާ ކަމެއްވެސް ނޫނެވެ. މއި ދަރިފުޅާއެކު އާ ކަންތައްތައް ހޯދުމަށް ލިވޭ ފުރުސަތެއްވެސްމެ އެވެ.