ކުއްލި ޚަބަރު

ފާރިސްއަށް ދައުވާ ކުރުމަށް ފޮނުވައިފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މައްސަލައެއް ފޮނުވައިފި އެވެ.

ފުލުހުން މިރޭ 2:30 ވަނިކޮށް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދައުލަތުން ފާރިސް ކުރައްވާފައިވާ ހަރަދެއް އަނބުރާ ދައްކަވާފައިނުވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހަށް ތަހުގީގުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ފާރިސްއަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލާގެ ތަހުގީގަށް އެކި ފަހަރު މަތިން ފާރިސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހާޒިރުކޮށްފައިވެ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދެ އަހަރުގެ ތީމްގޭ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ރައީސް މައުމޫން ވަނީ ގާތް ބޭފުޅުންނަށް ބޮޑެތި ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކުރައްވާފަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށާއި ބައެއް ބޭފުޅުންގެ ހަރަދުތައް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބެލުމަށް ފާރިސް އާއި އެކުމުގައި ބައިވެރިވި ވަފުދުގެ ތިބުމުގެ ހަރަދުގެ ގޮތުގައި 780،129 ސްރީލަންކަން ރުޕީސް ހަރަދުކޮށްފައިވެ އެވެ.

ދެހާސް ހަތްވަނަ އަހަރާއި 2008 އަހަރުގެ ތީމްގޭގެ އޮޑިޓް ރިޕޯޓްގައިވާ ކަންކަން ފުރަތަމަ ތަހުގީގު ކޮށްފައިވަނީ 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުންނެވެ.