އަލިފާން

ގަރާޖެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

Nov 10, 2022

މ. ނިރުފެހިގޭގައި ހިންގަމުން ގެންދިޔަ ގަރާޖެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަން ފަށައިފި އެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ މިރޭ ހިނގާފައިވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ކަމަށެވެ.

އަލިފާނުގެ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ މެންދަމު 12:17 ހާއިރު ކަމަށް ފުލުހުން ބުނާއިރު ސިފައިންގެ ބުނީ އަލިފާނުގެ މިހާދިސާގެ މައުލޫމާތު ލިބުނީ މިރޭ މެންދަމު 12:30 ހާއިރު ކަމަށެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އަލިފާން ރޯވެފައިވާލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި ވަނީ ދުން ބޯވެފަ އެވެ. އަދި ރޯވެފައި ހުރި ތަނާއި އިންވެގެން ހުރި އިމާރާތްތަކުން މީހުންވެސް ނެރެފައިވެ އެވެ.