ލައިފްސްޓައިލް

މިއަދު ޗީޒްކޭކް އަޅާނީ އާ ގޮތަކަށް!

ޗީޒް އަކީ ކެއުމުގެ އެކި ބާވަތްތަކުގައި ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ. ހަމަ އެހެންމެ، ޗީޒްކޭކް އަކީ، ގިނަ ބައެއްގެ މެދުގައި މަގުބޫލު، މަޝްހޫރުކަން ހޯދާފައިވާ އެއްޗެކެވެ. އަނގަޔަށް މީރު، ކައި ފޫހި ނުވާ އެއްޗެކެވެ. އާންމު ގޮތެއްގައި ދިވެހިން ވެސް ކައި އުޅެނީ، ފިހާރަތަކުން ފަސޭހަ ކަމާއެކު ލިބެން ހުންނަ ރެޑީ ޓް މޭކް ޗީޒްކޭކް މިކްސް ގައި ތައްޔާރު ކޮށްގެންނެވެ. ޖަޕާނުގައި، އެ ގައުމުގެ މީހުން ޗީޒްކޭކް ތައްޔާރުކޮށް އުޅެނީ ތަފާތު ގޮތަކަށެވެ. އެމީހުން ޗީޒްކޭކް ތައްޔާރު ކުރާ ގޮތަށް މިއަދު ޗީޒްކޭކް ތައްޔާރުކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

ޖަޕަނީޒް ޗީޒްކޭކް ތައްޔާރު ކުރުމަށް މާ ބައިވަރު ތަކެއްޗެއް ބޭނުމެއް ނުވާނެ އެވެ. އަދި ބޭނުންވަނީ، ހަމަ އެހާމެ ފަސޭހަ ކަމާއެކު ފިހާރަ ތަކުން ލިބެން ހުންނަ ބާވަތްތަކެވެ. އަދި މި ޗީޒްކޭކް ތައްޔާރު ކުރުމަކަށް ވެސް މާ ގިނަ ވަގުތު ތަކެއް ހޭދައެއް ނުވާނެ އެވެ.

މިތަކެތި ހޯދާލާ!

7 އައުންސް ކްރީމް ޗީޒް
1/4 ޖޯޑު ކިރު
1/2 ޖޯޑު ހަކުރު (ހިމުންކޮށްފައި)
3 ބިސް (ބިހުގެ ގޮބޮޅި އާއި ލޮނދި ވަކިކޮށްފައި)
1/4 ޖޯޑު ޒުވާރި ފުށް
2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
2 1/2 ޖޯޑު ހޯނު ފެން

ތައްޔާރު ކުރާނީ މިހެން!

ފުރަތަމަ 350 ޑިގްރީ އަށް އަވަން ހޫނު ކުރަން ޖައްސާށެވެ. ދެން، ފުށް ގިރާ މިކްސްޗަރު ބޭނުން ކޮށްގެން، ކްރީމް ޗީޒް ތެރަށް ކިރު ފޮދު އަޅައި، މަޑުވަން ދެން ގިރާށެވެ. ދެން ހަކުރު ކޮޅުގެ ދެބައިކޮށްފައި އެއްބަޔާއި، ބިހު ގޮބޮޅި އާއި، ޒުވާރި ފުށާއި، ލުނބޯ ހުތް އަޅާ އޮމާން ވާންދެން ގިރާށެވެ.

ވަކިން ތައްޓެއްގައި ބިހުގެ ލޮނދި، ފޮނުއަރަން ދެން ގިރާށެވެ. އަދި ބާކީ ހުރި ހަކުރު ބިހު ލޮނދީގެ ތެރަށް އަޅައި އަށެއް ނުވަތަ 10 މިނެޓް ވަންދެން އަދި ގިރާލާށެވެ. ދެން، ކުރިން ގިރާފައި ހުރި ޗީޒް މިކްސްޗާ އާއި، ބިސް މިކްސްޗާ އެއްކޮށްލާށެވެ.

އެއަށް ފަހު ދެވަރުގެ ދެ ޓްރޭ ހޯދައި، ކުޑަ ޓްރޭ ތެރަށް ގިރާފައިހުރި ކޭކް ފުށް އަޅާށެވެ. އަދި އަނެއް ޓްރޭ ތެރަށް ހޫނު ފެން ފޮދު އޮއްސާލާށެވެ. އެއަށް ފަހު ބޮޑު ޓްރޭގެ ތެރެއަށް ކުޑަ ޓްރޭ ލައި، 35 ނުވަތަ 40 މިނެޓަށް ފިހަން ލާށެވެ. ރަގަޅަށް ފިހެވިއްޖެނަމަ ކޭކު އިންނަން ވާނީ ވަރަށް ބޮޑަށް ފުއްޕާފަ އެވެ.

މައްޗަށް ފްރުޓު ޖޭމެއް ނުވަތަ، ޗޮކޮލެޓް ކްރީމމެއް އަޅައިގެން ކާލާށެވެ. މިއީ ކޮންމެ ގަޑިއެއްގައި ކާލަން ވެސް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ އެވެ. ހާއްސަ ކޮށް، ކޭކަށާއ، ޗީޒް ކޭކަށް ލޯބި ކުރާ ފަރާތްތަކަށް އެއް ވަނައިގެ އެއްޗަކަށް ވާނެ އެވެ.