މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ގަދަ ފަހެއްގެ އެލިމިނޭޝަންގައި ޖަޖުން "ނޯ އެލިމިނޭޝަން" ގެ ބާރު ބޭނުންކޮށްފި އެެވެ. ޖަޖުން ނޯ އެލިމިނޭޝަންގެ ބާރު ބޭނުންކޮށްފައިވަނީ މި ސިީޒަނުގެ ގަދަ ފަސް ބައިވެރިންގެ ތެރެއިން ޝޯއާ އަލްވަދާއު ކިޔާނެ ބައިވެރިއެއް ނިންމުމަށް މިރޭ ބޭއްވި ޝޯ، "އެލިމިނޭޝަން ނައިޓް" ގަ އެވެ. ނޯ އެލިމިނޭޝަންގެ އަކީ މޯލްޑިވިއަން އައިޑޮލްގެ ކޮންމެ ސީޒަނެއްގައި ޖަޖުންނަށް އެއް ފަހަރު ބޭނުން ކުރެވޭ ހާއްސަ ބާރެކެވެ.
ގަދަ ހަތަރަކަށް ދެވޭ ބައިވެރިން އިއުލާނު ކުރަން ފަށާ އެންމެ ފުރަތަމަ އެ އުފާވެރި ހަބަރު ދީފައިވަނީ ހަމޫދު އަހުމަދަށެވެ. އެއަށްފަހު މުހައްމަދު ތަސްނީމް (ބޮބް) އަށްވެސް ގަދަ ހަތަރަކުން ޖާގަ ލިބުނު ކަމުގެ އުފާވެރި ހަބަރު ޝޯގެ ޕްރެޒެންޓަރު މޫސާ ވަސީމް ދެ އެވެ. ގަދަ ހަތަރަކުން ޖާގަ ލިބުނު އިތުރު ބައިވެރިއެއްގެ ނަން އިއުލާނު ކުރުމުގެ ކުރިން ޖަޖު އިބްރާހީމް އަލީ (ކުޑަ އިއްބެ) ވަނީ ތިން ޖަޖުން މަޝްވަރާ ކުރުމަށްފަހު މިރޭ އެއްވެސް ބައިވެރިއަކު މުބާރާތާއި ވަކި ނުވާނެ ކަމަށް ބުނެ ނޯ އެލިމިނޭޝަން އިއުލާނު ކޮށްފަ އެވެ.
ނޯ އެލިމިނޭޝަކީ ކޮންމެ ސީޒަނެއްގައި ޖަޖުންނަށް އެންމެ ފަހަރަކު ބޭނުން ކުރެވޭނެ ބާރެކެވެ. ޖަޖުން މި ބާރު ބޭނުން ކުރުމުގައި ބަލަނީ ބައިވެރިން ހުށަހަޅައިދިން ހުށަހެޅުމަށް ބަލާފައި ދެވަނަ ފުރުސަތެއް ދިނުމަށް ފެނޭތޯ އެވެ. ދެން އަންނަ ޝޯއެއްގައި ޓޮޕް ތިނެއް ހޮވާ އިރު ދެން މި ސީޒަންގައި ނޯ އެލިމިނޭޝަންގެ ބާރު ޖަޖުންނަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.
ނޯ އެލިމިނޭޝަން އަށް ފަހު އަންނަ ހަފްތާގައި ދެ ބައިވެރިޔަކު މުބާރާތާއި ވަކިވެ ގަދަ ތިނެއް ހޮވާނެ އެވެ.
މިރޭ ބައިވެރިން ވަނީ މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލުން ވިދާލު ތަރިންނާއެކު ލަވަ ހުށަހަޅައިދީފަ އެވެ. އެ ތަރިންނަކީ މިިދޔަ ސީޒަނުގެ އެއް ވަނަ ލައިޝާ ޖުނައިދު، ޝަލަބީ އިބްރާހިމް، މުހައްމަދު އިޝާން، މުހައްމަދު މުއައްޒިން އަދި އަބްދުﷲ ސޯދިގު އެވެ.