ހަބަރު

ތެޔޮ އަގުހެޔޮވުމުން ސްޓްލެކޯއިން ކަރަންޓްގެ އަގުހެޔޮކޮށްފި

Apr 23, 2017
4

ތެޔޮ ވިއްކާއަގު މިއަދުން ފެށިގެން ހެޔޮވުމާ ގުޅިގެން ސްޓެލްކޯ އިން ދޭ ކަރަންޓްގެ ހިދުމަތުގެ އަގު ހެޔޮ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަބްދުﷲ ނާޒިރު މިއަދު "އަވަސް" އަށް ވިދާޅުވީ، އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރަން ނިންމުމާ ގުޅިގެން އެ ކުންފުންޏަށް ތެޔޮ ލީޓަރަކުން 10 ލާރި އަގު ހެޔޮކޮށް މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ. އެ ބަދަލާ އެކު މިހާރު ނަގަމުން އަންނަ ފިއުލް ސާޗާޖުން ޔުނިޓަކުން 3 ލާރި ހެޔޮވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މީގެ ސަބަބުން އެކަށީގެންވާ ހެޔޮ ބަދަލެއް ކަރަންޓް ބިލްތަކުން ފެންނާނެ ކަމަށް ނާޒިރު ވިދާޅުވި އެވެ.

އެންމެ ފަހުން ފިއުލް ސާޗާޖްގެ ގޮތުގައި ޔުނިޓަކުން ނަގަމުން އައީ 12 ލާރި އެވެ. އެހެން ނަމަވެސް މިފަހަރު ފިއުލް ސާޗާޖް ކުޑަކުރުމުން އަށް ޕަސެންޓް ކުޑަވެގެން ދާނެ އެވެ. މީގެ ކުރިން ފިއުލް ސާޗާޖްއަށް ސަރުކާރުން ސަބްސިޑީ ދެމުން އައި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ކަރަންޓް ބިލްތަކުން ސަބްސިޑީ ކަނޑާލުމުން ފިއުލް ސާޗާޖް ދައްކަން ޖެހި ކަރަންޓް ބިލްތައް ބޮޑުވި އެވެ. އަދި ތެޔޮ އަގު ބޮޑުވުމުގެ ސަބަބުން ދެ ފަހަރަކަށް ފިއުލް ސާޗާޖް ބޮޑުވެސްކުރި އެވެ.

އެސްޓީއޯއިން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮވާނެ އެވެ.