ހަބަރު

ކަރަންޓް ބިލްތަކުން 10-15 ޕަސެންޓާ ދެމެދު ހެޔޮވާނެ: މިނިސްޓްރީ

  • މިފަހަރު ބިލް އަންނައިރު ބަދަލު ފެންނާނެ
  • ކަރަންޓް ކުންފުނިތަކުގެ އާމްދަނީ މަދުވާނެ
  • އެކަމަކު ބޭނުމަކީ އާންމުންނަށް ލުއިކޮށްދިނުން

ތެލުގެ ޑިއުޓީ ކުޑަކުރުމާ ގުޅިގެން މި މަހުން ފެށިގެން ކަރަންޓް ބިލްތަކުން 10-15 ޕަސެންޓާ ދެމެދުގެ އަދަދެއް ހެޔޮ ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީއާ، އެސްޓީއޯއާ، ފެނަކަ އަދި ސްޓެލްކޯއިން ގުޅިގެން މިއަދު އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އިމްޕޯޓް ޑިއުޓީގެ ކުޑަ ކުރުމާ ގުޅިގެން ކަރަންޓްގެ އަގު ހެޔޮވުމާއި ދަތުރު ފަތުރުގެ ހަރަދު އަދި މަސްވެރިންނަށް ވެސް ފަސޭހަތަކެއް ވެފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު ބަދަލަކީ ވިއްކާ ތެޔޮ އަގު ހެޔޮވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކަރަންޓުގެ އަގު 10 އަކާއި 15 ޕަސަންޓާ ދެމެދުގެ އަދަދަކަށް ކުޑަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަކަތާގެ ޑިއުޓީއަށް ގެނައި ބަދަލާ އެކު ބޮޑެތި ބަދަލުތަކެއް އިގްތިސާދަށް ވެސް އަންނާނެ. އެގޮތުން ކަރަންޓަށް މި އައި ބޮޑު ބަދަލު ދެން އަންނަ ބިލެއްގައި ރައްޔިތުންނަށް ފެނިގެން ދާނެ. މިއީ ރައްޔިތުންނަށް އަތްމަތި ތިޔާގިވެ ވިޔަފާރިތަކަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ސަބަބުން ސަރުކާރުން ކަރަންޓުގެ ހިދުމަތް ދޭ ކުންފުނިތަކަށް ކޮންމެ އަހަރަކު ލިބެމުން ދިޔަ 270 މިލިއަން ރުފިޔާގެ މަދުވެގެން ދާނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައި އިތުރަށް ކަރަންޓުގެ އަގަށް ބަދަލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައުމާއެކު މިހާރު ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 8.44 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގު މިވަނީ 8.65ރ. އަށް ހެޔޮ ވެގެން ގޮސްފަ އެވެ.