ސްޓެލްކޯ

"ކަރަންޓުގެ އަގު ހެޔޮ ކުރަން މިދަނީ މަޝްވަރާ ކުރަމުން"

May 14, 2017
13

ކަރަންޓުގެ އަގު ހެޔޮ ކުރަން ކަމާބެހޭ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއިން ފެށި "އިންޖީނު ގެތަކުގެ އިސްވެރިންގެ މަހާސިންތާ" ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން މިއަދު އެވެ.

އަޒްލީން ވިދާޅުވީ ހެޔޮ އަގެއްގައި ރައްޔިތުންނަށް ކަރަންޓު ފޯރު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން ހަކަތައިގެ ވަސީލަތްތައް ގެންގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާ ކަރަންޓުގެ އަގު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދައި އެ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަން ރާވާފައިވާ ވެސް އަޒްލީން ވިދާޅުވި އެވެ.

"އަސާސީ ހިދުމަތްތައް ދޭ ފަރާތްތަކާމެދު ރައްޔިތުންގެ އުންމީދުތައް ހުރީ ވަރަށް މަތީގައި. ނަމަވެސް އެއާ އެއްވަރަށް ހިދުމަތް ދޭން ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ ވަރަށް އިތުރުވެފައެއް ނެތް. މިހާރު މި މަސައްކަތް ކުރެވެނީ ހުރި ވަސީލަތްތަކުން އެންމެ ރަނގަޅު ފެންވަރެއްގައި ހިދުމަތް ދޭން. އަދި އަސާސީ ހިދުމަތްތައް ރައްޔިތުންގެ އަތްފޯރާފަށަށް ގެންނަން،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނީ ވައިން އުފައްދާ ހަކަތަ އާއި އަވިން އުފައްދާ ހަކަތާގެ ނިޒާމްތައް ގާއިމް ކުރެވިގެނެވެ. އަދި ތެލުން އުފައްދާ ކަރަންޓަށް ރާއްޖެ ބިނާވެފަ އޮތުމުގެ ނަތީޖާއަކަށް ދުނިޔޭގެ ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު ސީދާ ރާއްޖެއަށް ކުރާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

ދިހަ އަހަރަށް ފަހު ސްޓެލްކޯއިން ބާއްވާ މި މަހާސިންތާގައި އެ ކުންފުނިން ކަރަންޓު ބަލަހައްޓާ ހުރިހާ ރަށެއްގެ އިންޖީނުގޭގެ ވެރިން ވަނީ ބައިވެރިވެފަ އެވެ. އަދި އެ އިންޖީނުގެތަކުގައި ހުރި މައްސަލަތަކާއި ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ހިދުމަތް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފަ އެވެ.