ރާއްޖެ ކުޅިވަރު

ގްރީން ސްޓްރީޓަށް ކޮންމެ މެޗަކީ ވެސް ފައިނަލެއް: ސޮބާ

Apr 23, 2017

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ގްރީން ސްޓްރީޓް ނުކުންނައިރު، ގަދަ ހަތަރެއްގެ ޖާގަ ހޯދަން އަމާޒު ހިފާފައިވާ ގްރީން ސްޓްރީޓަށް ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު ބުނެފި އެވެ.

މި މެޗަށް ނުކުންނައިރު، އީގަލްްސް އާއި ގްރީން ސްޓްރީޓް ވެސް އޮތީ ހަތް ޕޮއިންޓާއެކު އެވެ. ލަނޑުގެ ތަފާތުން އީގަލްސް ހަތަރު ވަނައިގައި އޮތްއިރު، ގްރީން ސްޓްރީޓް އޮތީ ފަސް ވަނައިގަ އެވެ.

"ގްރީން ސްޓްރީޓް ހަމަ ކޮންމެ މެޗަކަށް ވެސް މި ނުކުންނަނީ ފައިނަލެއް ކަމަށް ދެކިގެން،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޮބާ ބުންޏެވެ." ގަދަ ހަތަރަކަށް ވަންނަން ބޭނުމިއްޔާ އެބަޖެހޭ އީގަލްްސް އަދި ޓީސީ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން. ނުވަތަ މޮޅެއް. އެކަން ނުވެއްޖެއްޔާ އަޅުގަނޑުމެންގެ ޓާގެޓް ހާސިލެއްނުވާނެ."

ސޮބާ ބުނީ މެޗަށް ނުކުންނައިރު އީގަލްސް އަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ މާބޮޑެތި ބަދަލުތަކެއް ނެތި، އެއް ޓީމެއް އީގަލްސްގައި އޮންނަތާ އަހަރުތަކެއްވުން ކަމަށެވެ.

"މިދިޔަ އަހަރު އަޅުގަނޑު މި ޓީމު އަލަށް މި ނެގީ. އަދި އަޅުގަނޑު ބޭނުންވާ ވަރަށް މި ޓީމު ނުދޭ،" ސޮބާ ބުންޏެވެ. "އީގަލްސް އަށް ބަލާއިރު، ސާންތީ ކޯޗު އެ ޓީމު ގެންގުޅޭތާ މިހާރު ފަހެއް ނުވަތަ ހަ އަހަރުވަރު ވެދާނެ. ޓީމެއްގެ ގޮތުގައި އީގަލްސް މާ ރަނގަޅުވާނެ."

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށެވެ. އަދި އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ކުޅުން ސާންތީ ފާހަގަކުރި އެވެ.

"އީގަލްސް އަށް މި މެޗު އުނދަގޫވާނެ. ގްރީން ސްޓްރީޓްގައި މި ތިބި ބިދޭސީ ކުޅުންތެރިން ދަނީ ތަފާތު ދައްކަމުން. އެ ކުޅުންތެރިންނާއެކު ތިބި ދިވެހި ކުޅުންތެރިންނާއެކު ގްރީން ސްޓްރީޓަކީ ރަނގަޅު ޓީމެއް،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ޓީމަށް މި ވަގުތު ދިމާވެފައިވާ މައްސަލައަކީ މި ވަގުތު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕަށް ކުޅުންތެރިން ދޫކުރަން ޖެހުމެވެ.

"މާދަމާ (މިއަދު) މެޗު އޮތްއިރު މިއަދު (އިއްޔެ) ދެ ކުޅުންތެރިޔަކު ކުޅޭނެ ކްލަބު މޯލްޑިވްސް ކަޕްގައި. އަޅުގަނޑުމެން މި ޖެހެނީ ދުއާކޮށްލަކޮށްލާ ތިބެން އެ ކުޅުންތެރިން އިންޖަރީއެއްނުވެ، ސަލާމަތުން އަންނާނެ ކަމަށް،" ސާންތީ ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ވެލެންސިއާ އެވެ.