ހަބަރު

އިމްރާންގެ 12 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ދަމަހައްޓައިފި

Apr 23, 2017
6

އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲގެ މައްޗަށް ކްރިމިނަކް ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ. އެގޮތަށް ހުކުމް ކުރީ ދުވަސްތަކަކަށް ފަހު ހައިކޯޓްގައި މިއަދު ބޭއްވި އެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 ޖަލު ހުކުމެއް އިއްވީ މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ އެކަމުގައި ބައިވެރިވެފައިވާ ކަމުގެ ދައުވާ ސާބިތުވެގެން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކުރި އިރު އޭނާ ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

އިސްތިއުނާފުކޮށް އިމްރާން ފާހަގަކުރެއްވި ނުކުތާތަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރެވޭނެ ނުކުތާތަކެއް ނޫން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން އިއްތިފާގުން ވަނީ ނިންމަވާފަ އެވެ. ކުރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ނިންމެވީ އެހެންވެ އެވެ.

މޭޑޭގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނާއި ދައުލަތުގެ ބައެއް މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، އެ ދުވަހުގެ މުޒާހަރާގައި ހަމަނުޖެހުން ހިންގި ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ވަނީ ދިގުމުއްދަތަކަށް ޖަލަށް ލައިފަ އެވެ.