ހަބަރު

ފެނަކައިން ވެސް ކަރަންޓްގެ އަގު ހެޔޮކޮށްފި

Apr 23, 2017
6

އަތޮޅުތަކުގައި ކަރަންޓްގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވެސް ކަރަންޓްގެ އަގުހެޔޮކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އިގްބާލް އާދަމް ވިދާޅުވީ ތެލަށް އައި ބަދަލާއި ގުޅިގެން ކަރަންޓް ބިލުން ޔުނިޓަކުން ތިން ލާރި ހެޔޮކުރުމަށް ފެނަކައިގެ ބޯޑުން ނިންމަވާފައިވާ ކަމަށެވެ. ޑީސަލްގެ އަގު ހެޔޮވި ދުވަހުން ފެށިގެން ޔުނިޓަކުން ތިން ލާރި ހެޔޮކޮށް އެގޮތަށް ބިލަށް ބަދަލު ގެނެވިގެން ދާނެ ކަމަށް އިގްބާލް ވިދާޅުވި އެވެ.

"ތެޔޮ ހެޔޮވާ ކޮންމެ ފަހަރަކު އެގޮތަށް ބަދަލު ގެންނަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް" އިގްބާލް ވިދާޅުވި އެވެ.

އެސްޓީއޯއިން މިދިޔަ ބުރާސްފަތި ދުވަހު ތެޔޮ އަގުހެޔޮ ކުރުމާ އެކު، ސްޓެލްކޯ އިން ވެސް ވަނީ ކަރަންޓް އަގު ހެޔޮކޮށްފަ އެވެ. އެގޮތުން ކަރަންޓް ބިލް އެންމެ ބޮޑަށް ބޮޑުވާ ފިއުލް ސާޗާޖް މިހާރު ހުރި އަދަދުން އަށް ޕަސެންޓް ކުޑަކުރަން ވަނީ ނިންމައިފަ އެވެ. އެކަމުގެ ސަބަބުން ކަރަންޓް ބިލަށް އެކަށީގެންވާ ވަރެއްގެ ލުޔެއް އަންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެސްޓީއޯއިން ނިންމާފައި ވަނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮކުރާށެވެ.