ހަބަރު

މަސައްކަތުގައި މަރުވާ ފެނަކަ މުވައްޒަފުންގެ އާއިލާތަކަށް އިނާޔަތް

މަސައްކަތުގައި އުޅެނިކޮށް މަރުވާ ފެނަކަ މުއައްޒަފުންގެ އާއިލާތަކަށް ހާއްސަ އިނާޔަތެއް ދޭން މިއަދު ނިންމަވާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ ފެނަކައިގެ މަސައްކަތުގައި އުޅެނިކޮށް މަރުވާ މުވައްޒަފުންގެ އާއިލާ ތަކަށް ހާއްސަ އިނާޔަތެއް ދޭން ބޯޑުން މިއަދު ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމަށް ވަރަށް އަވަހަށް އަމަލު ކުރަން ފަށާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އިނާޔަތްތަކެއް ދިނުމަށް ބޯޑުން މިވަނީ މިހާރު ކަނޑައަޅައި ފާސްކޮށްފައި. އިނާޔަތް ދިނުމަށް ވަރަށް އަވަހަށް އަމަލުކުރަން ފެށިގެން ދާނެ،" ޝަރީފް ވިދާޅުވި އެވެ.

އެހެން ނަމަވެސް އިނާޔަތް ދޭނެ އުސޫލެއް އަދި ހާމައެއް ނުކުރެ އެވެ. ޝަރީފް ވިދާޅުވީ އެ އުސޫލަކީ ކުންފުންޏާއި އާއިލާތަކާ ދެމެދު އޮންނަ އުސޫލެއް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ގއ. ފިޔޯރީ އިންޖީނު ގޭގައި ހުރި، އިންޖީނުގެ ބެޓެރި ސެޓްގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ ޑިއުޓީގައި ހުރި ޓެކްނީޝަށް ވަނީ މަރުވެފަ އެވެ. އޭނާގެ އާއިލާއަށް އިނާޔަތް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ އާއިލާގެ އެހެން މުވައްޒަފަކު އެ ވަޒީފާ ބޭނުންވާ ނަމަ އެ މީހަކަށް ވަޒީފާ ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.