ކުޅިވަރު

ގްރީންއިން އީގަލްސްގެ ސާންތީ ހައިރާން ކޮށްލައިފި

Apr 23, 2017
1

އީގަލްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގްރީންސްޓްރީޓުން، އީގަސްލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ހައިރާން ކޮށްލައިފި އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސާންތީ ބުނީ، އީގަލްސް ކޮޅަށް ގްރީން ސްޓްރީޓުން ދެ ލަނޑުން މޮޅުވާނެ ކަމަށް އޭނާ ހީ ނުކުރާ ކަމަށެވެ.

"އަޅުގަނޑު މިތަނަށް (ދަނޑަށް) އައިއިރުވެސް ހީނުކުރަން ގްރީންސްޓްރީޓް 2-0 މޮޅުވެދާނެ ކަމަކަށް،" ސާންތީ ބުންޏެވެ.

"ދޭއް - ސުމެއް ވީމަ އެއީ އަޅުގަނޑު އުންމީދު ކުރި ނަތީޖާއެއް ނޫން، 1-0 ވި ނަމަ އެންމެ ރަނގަޅު، ގްރީންސްޓްރީޓް މޮޅުވިޔަސް 2-0 މޮޅުވެދާނެ ކަމަކަށް އަޅުގަނޑުގެ ސިކުނޑިއަކަށް ހަމަ ނާދޭ،"

މެޗުގައި ގްރީންގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ދެ ވަނަ ހާފު ފެށުނު ތަނުން ނެވެ. ގްރީންސްޓްރީޓަށް ލިބުނު ފުރުސަތެއްގައި އެޓީމުގެ ސޮބެލް އިލިއާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، އީގަލްސްގެ ހުސައިން ޝިފާއު ޔޫސުފްގެ ފައިގައި ޖެހިފައި ގޯލް ދަނޑިގައި ޖެހި އެބޯޅަ ވަނީ ގޯލް ތެރެއަށެވެ.

މެޗުގައި، އީގަލްސްއަށް ވުރެ ރަނގަޅަށް ބޯޅަ ހިފަހައްޓާއިގެން ކުޅުނީ ގްރީންގެ ކުޅުންތެރިން ނެވެ. ފުރަތަމަ ހާފުގައި އީގަލްސްއިން ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ތަނަވަސް ކޮށްފައެވެ.

އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އަހްމަދު ނާޝިދު (ނާއްޓޭ) އަށްވެ. ކައުންޓަ އެޓޭކު ފުރުސަތެއްގައި މެދު ރޮނގާހަމައިން ލިބުނު ބޯޅަ ހިޮފައިގެން ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ގޮސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ގްރީންގެ ދެ ވަނަ ލަނޑަކީ އީގަލްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އިލިއާ ކާމިޔާބު ކުރި ލަނޑެކެވެ. އޭނާ ޖެހި ހިތްގައިމު ހިލޭ ޖެހުން އަމާޒުވީ އީގަލްސްގެ ގޯލް ކަނަށެވެ. ބޯޅައަށް އީގަލްސްގެ ކީޕަރު ޑައިވް ކުރި ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާގެ އަތުގައިވެސް ލައްވައި ނުލައެވެ.

ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ބުނީ އޭނާ އަބަދުވެސް ސަމާލުކަން ދެނީ މެޗަކަށްފަހު މެޗަކަށް ކަމަށާއި، އީގަލްސްއާ ދެކޮޅަށް ކުޅޭން ނިކުތީ އެޓީމު ރަނގަޅަށް ސްޓަޑީ ކުރުމަށްފަހު ކަމަށެވެ.

"ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެންޖެހޭ ގޮތް ތަފާތު ވާނެ، މާޒިޔާ ފިޔަވައި މާބޮޑު ތަފާތު ތަކެއް އޮތް އެހެން ޓީމެއް ނެތް، ކުޅުންތެރިންނާ ކޯޗަށް ބެލިޔަސް މާޒިޔާ މާބޮޑަށް ތަފާތު އެހެންވެ ކޮންމެ މެޗަކަށްވެސް ނިކުންނަނީ، އެމެޗުން ހާސިލު ކުރެވެން އޮތް މިންވަރަށް ވިސްނައި އެގޮތަށް ރާވައިގެން،" ސޮބާ ބުންޏެވެ.

ފަސް މެޗު ކުޅެ، ދިހަ ޕޮއިންޓާއެކު ގްރީންސްޓްރީޓް މިވަގުތު އޮތީ ތާވަލުގެ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ ނުވަ ޕޮއިންޓާއެކު އޮތް ނިއުރޭޑިއަންޓެވެ. އެޓީމަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.