ރިޕޯޓް

ސިފައިންގެ ގައުމީ ހިދުމަތުގެ އަގު ވަޒަން ކުރަންޖެހޭ

ސިއިންނަކީ ދިވެހިންގެ ސަލާމަތުގެ އައްޑަނަ އެވެ. ދިވެހިންގެ ދިފާއުގައި އޮތް ލަޝްކަރެވެ. ދިވެހި ގައުމަށް ދިމާވާ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޖެހިލުމެއްނެތި ލޭ އޮހޮރުވާލަން ތައްޔާރަށް ތިބި ބައެކެވެ. ގައުމަށް ދިމާވާ ނުރައްކާތެރި ކޮންމެ ކަމެއްގައި ރައްޔިތުން އެންމެ ބޮޑަށް ބަރޯސާވާ ބަޔަކީވެސް ސިފައިންނެވެ. ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުމަށް އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީވެސް ސިފައިންނެވެ.

ސިފައިންނަކީ ގައުމަށް އަގު ނުކުރެވޭ ފަދަ ގިނަ ގުނަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް އަބަދުވެސް ތައްޔާރަށް އޮންނަ ލަސްކަރެވެ. ގުދުރަތީ ހާދިސާ އެއް ދިމާވި ކަމުގައި ވީނަމަވެސް ގައުމަށް އުދުވާނީ ހަމަލާއެއް ކުރިމަތިވި ކަމުގައިވީ ނަމަވެސް އަދި ގައުމުގައި ހިންގާ ހަމަނުޖެހުން ހުއްޓުވުމަށް ކަމުގައި ވީނަމަވެސް އެންމެ ކުރީ ސަފުގައި އަތްކުރި އޮޅާލައި އަބަދު އެކަމަށް ތައްޔާރުވެގެން ތިބޭ ބަޔަކީ ދިވެހި ސިފައިންނެވެ. ދިވެހިން ކަމަކަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް އަތް ދިއްކޮށްލަން ތައްޔާރަށް ތިބި ބައެކެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ހަދާން އެބަހުރި ހެއްޔެވެ؟ ގައުމަށްޓަކައި ފަސްޖެހުމެއްނެތި އެންމެ ފަހު ނޭވާއާއި ޖެހެންދެންވެސް ބާޣީންނާއި ކުރިމަތިލައި އެމީހުން ސިއްސުވާލި ޝަހީދު ހުސެއިން އާދަމް އަކީ ދިވެހިން ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަހުލަވާނެއްކަން ޔަގީނެވެ. އަދި އެދުވަހު ޝަހީދުވި ސިފައިން ދިވެހިންނަށް ދައްކައިދިނީ ދިވެހި ގައުމަށް ކުރިމަތިވި ކޮންމެ ކަމެއްގައި ފަސްނުޖެހި ގައުމަށް ލޭ އޮހޮރުވާލަން ތައްޔާރަށް އޮތްކަމުގެ އަލިގަދަ ނިޝާނެކެވެ.

ނަމަވެސް އެންމެން ދެކޭ ގޮތް އެއްގޮތަކަށް ނުވެ ހިނގައިދާނެ އެވެ. ބައެއް ދިވެހިންގެ ނަޒަރުގައި ދިވެހި ސިފައިންނަކީ މަގުމަތީގައި ޔުނީފޯމެއް ލައިގެން ދެކޮޅަށް ހިނގާ ބައެކެވެ. ސިފައިން ގައުމަށް ކޮށްދޭ ހިދުމަތްތައް ބައެއް ފަހަރު ފެންނަން ނުހުރުމުން އެކަމާ ބަސްބުނާ ދިވެހިންވެސް އުޅެއެވެ. އެމީހުންނަކީ ބޮޑު މުސާރައެއް ހިފައިގެން ހަމަ އެކަނި ޓްރޭނިން ކުރާ ބައެއް ގޮތުގައި ދެކޭ ދިވެހިންވެސް އުޅެއެވެ.

ދިވެހި ސިފައިން ގައުމަށް ކޮށްދޭ ހިދުމަތްތަކަކީ އަބަދު ފެންނަން ހުންނަ ކަންކަމެއް ނޫނެވެ. ދިވެހި ސިފައިންވާ ގުރުބާނީ ނުވަތަ ފޯރުކޮށްދޭ ހިދުމަތްތަކަކީ ބައެއް ފަަހަރު ސައިލެންޓް ސާވިސް އެވެ. ދިވެހި ސިފައިންނަކީ ވަކި މެޑަލް އެއް ނުވަތަ ވަކި ލަގަބެއް ހޯދުމަށް މަސައްކަތްކުރާ ބައެއްވެސް ނޫނެވެ. ގައުމަށް ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވެ ތިބުމަށް އަބަދުވެސް ޓްރޭނިން ކުރަމުންދާ ބައެކެވެ. ދިވެހި ސިފައިންގެ އަގު ވަޒަން ކުރެވޭނީ ގައުމަށް ނުރައްކާތެރި ހާލަތެއް ދިމާވީމަ އެވެ. އެދުވަހުން ދިވެހި ސިފައިން ގައުމަށްޓަކައި ވާ ގުރުބާނީ ފެނިގެން ދާނެކަން ކަށަވަރެވެ.