ހަބަރު

ބުލީ ކުުރުން ހުއްޓުވާ ޕޮލިސީ ތަންފީޒު ކުރަން ފަށައިފިި

ސްކޫލްތަކުގައި ބުލީ ކުުރުން ނުވަތަ ހަނގާކުރުން ހުއްޓުވުމަށްޓަކައި ބުލީ ކުުރުމާ ދެކޮޅަށް ހާއްސަ ޕޮލިސީއެއް އެކުލަވާލައި ސްކޫލްތަކުގައި ތަންފީޒު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް މިހާރު އެ ޕޮލިސީ ތަންފީޒު ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސްކޫލް މާހަައުލުގައި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ޕޮލިސީއެއް އެކުލަވާލައި ސްކޫލްތަކާއެކު މަޝްވަރާކޮށް ތަމްރީނުތަކެއް ވެސް ހަދަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ސްކޫލްތަކުގައި ކުދިން އެކަހެރި ކުރުމާއި ސަސްޕެންޑު ކުރުމާއި އެބައިތައް އަޅުގަނޑުމެން ހުއްޓުވާލާފައި އޭގެ ބަދަލުގައި މިހާރު ކުދިންގެ ފަރާތުން އެއްވެސް ކަހަލަ ކަމެއް ފެނިއްޖެއްޔާ އެކަން ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ސްކޫލްތެރެއިން ކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތެރެއިން ކުއްޖަކަށް ބުލީ ކުުރާ މައްސަލައެއް ބެލެނިވެރިންގެ ފަރާތުން ވިޔަސް ނުވަތަ އެހެން ގޮތަކުން ވިޔަސް ސްކޫލްގެ އިސްވެރިންނާ އާ ހަމައަށް ގޮސްފިނަމަ އެ މައްސަލައެއް ބަލާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. އަދި އެ މައްސަލަ ބެލުމަށް ހާއްސަ އުސޫލުތަކެއް އެކުލަވާލާ އެޑިއުކޭޝަން މިނިސްޓްރީން އެމައްސަލަ އަންގަން ޖެހޭ ފަރާތްތަކަށް އަންގާ އެ މައްސަލައެއް ބަލާނެ ކަމަށްވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ބުލީ ކުރުމާ ދެކޮޅަށް ހާއްސަ ޕޮލިސީއެއް އެކުލަވަލާފައިވާ ކަމަށް މިނިސްޓްރީން މިއަދު ވިދާޅުވި އިރު ދާދިފަހުން ވަނީ މާލޭގެ ސްކޫލެއްގައި ބުލީ ކޮށްގެން ކުއްޖަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި މައްސަލައެއް ފެންމަތިވެފަ އެވެ.