ކުޅިވަރު

ނަޒީހާއެކު ޔޫވީ ރަނގަޅު ފާލަށް އެޅުމުގެ މަގުމަތީގައި

Apr 24, 2017

ރޭ ވެލެންސިއާ އަތުން ލިބުނު މޮޅާއެކު ޔުނައިޓަޑް ވިކްޓަރީ އޮތީ ރަނގަޅު ފާލަށް އެޅުމުގެ މަގުމަތީގައި ކަމަށް، އެ ޓީމުގެ ކޯޗް މުހައްމަދު ނަޒީހް ބުނެފި އެވެ.

ކުރީގެ ކޯޗް މުހައްމަދު އާތިފް މަގާމުން އިސްތިއުފާ ދިނުމުން، ޔޫވީގެ ކޯޗް ކަމާ ހަވާލުވި ނަޒީހު ބުނީ އޭނާ ކޯޗް ކަމާ ހަވާލުވެ މިހަ ކުރީކޮޅު މޮޅެއް ލިބުމަކީ ވެސް ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ރޭގެ މެޗަކީ، ނަޒީހް އަލުން ޔޫވީގެ ކޯޗް ކަމާ ހަވާލުވެ އެޓީމު ކުޅުނު ދެ ވަނަ މެޗެވެ. ދެހާސް ފަނަރަ ވަނަ އަހަރު ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި އެޓީމަށް ފުރަތަމަ ޑިވީޝަންގެ ޖާގަ ހޯދައިދިނީ ނަޒީހްގެ ކޯޗްކަމުގެ ދަށުން ނެވެ.

"ޕޮއިންޓް ހޯދާ ގުރޫޕް ތެރެއަށް ވަދެގަންނަން ވަރަށް މުހިންމު މޮޅެއް، އަދި އެހާ ކުރިން މޮޅެއް ލިބުނީމަ ވަރަށް ހިތްހަމަ ޖެހޭ އަދި ޓީމާ ހަވާލުވިތަން މިވީ 14 ދުވަސް، ކުޅެން ބޭނުންވާ ގޮތަށް ކޮންމެވެސް ވަރަކަށް މަންޒަރު ބަދަލު ވަމުން އެބަދޭ، ހަމަގައިމުވެސް ކުޅުންތެރިންގެ އެޓިޓިއުޑް ބަދަލު ވެއްޖެ އެކަން އަތުވެއްޖެ ޓީމަށް،" ނަޒީހް ބުންޏެވެ. "އަދިވެސް ވަގުތު ލިބޭ ވަރަކަށް މިއަވުރެ ރަނގަޅުވާނެ، ދެން އެހެން މީހަކު ކޮށްފައި އޮތް މަސައްކަތެއްވީމަ އެ ކޯޗެއްގެ ޓޭސްޓްގެ ޕްލޭޔަރުން މިއޮތީ އެހެންވީމަ ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން މީތީ އެންމެ ބޭނުންވާ ގޮތަށް ގެންދެވޭނީ."

ކޯޗްކަމާ ހަވަލުވެ ނަޒީހް ބުނެފައި ވަނީ، ޖޫން ޓްރާންސްފާ ޕީރިއަޑްގައި ޓީމަށް ބަދަލު ގެންނާނެ ކަމަށާއި ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެންނަނަމަ، ބިދޭސީ ރަނގަޅު ކުޅުންތެރިން ގެންނާނެ ކަމަށެވެ. އަދި އެބަދަލުތައް ގެނައުމުގައި ޔޫވީގެ މެނޭޖްމެންޓްގެ އެއްބާރުލުން ދޭނެ ކަމަށް މެނޭޖްމެންޓުން ބުނެފައިވަ ކަމަށްވެސް ނަޒީހް ބުންޏެވެ.

ރޭގެ މެޗު ޔުވީ ކާމިޔާބު ކުރީ 1-0 ން ނެވެ. ލަނޑު ޖެހީ ނާވީ މުހައްމަދެވެ.