މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭގޮތުން ތަހުގީގަށް ހުރަސް އެޅޭ ގޮތަށް ހަބަރުތައް ނުފެތުރަން ފުލުހުން އެދެފި އެވެ.
ފުލުހުން މިއަދު ނެރުނު ސްޓޭޓްމަންޓެއްގައިވަނީ ބުނެފައި ވަނީ މީޑިއާ އާއި ސޯޝަލް މީޑިއާގައި އެ މަރާ ގުޅިގެން މައުލޫމާތު ފަތުރާ ފަރާތްތަކުން ތަހުގީގަށް ހުރަސް އެޅޭ ގޮތަށް ވާހަކަތައް ނުފެތުރުމަށާއި އެ މައްސަލަ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށެވެ.
ޔާމީންގެ މަރާ ގުޅިގެން ގައުމަށް ސިހުން ލިބިފައިވާއިރު އިއްޔެ ސަރުކާރުން ވަނީ އެ އަމަލު ކުށްވެރިކޮށް އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދަން ދައުލަތުގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ރޭ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ވާހަކަފުޅު ދައްކަވައި، އެކަން ފުރިހަމައަށް ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ރައީސް އަބްދުﷲ ޔާމީނަށް ޕެޓިޝަނެއް ހުށަހަޅަން ނިންމާ އެ ޕެޓިޝަނުގައި މިހާރު 300 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.
ޔާމީން މަރާލީ މެޔަށާއި ބޮލުގެ އިތުރުން ކަރުގެ 14 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެނެވެ. އޭނާ މަރާލާފައިވާ ކަމަށް ލަފާ ކުރެވެނީ އިއްޔެ ރޭ ދަންވަރުގެ ވަގުތުގައި އޮފީސް ނިންމާލުމަށް ފަހު ގެއަށް ވަން ވަގުތު އެވެ.