ރާއްޖެ ކުޅިވަރު

ކުޑަހީނާ ސުވާލުމާކެއްގެ ތެރޭގައި!

Apr 28, 2017
1

ގައުމީ ޓީމަށް، ލީގް މެދުކަނޑާލި ފަހުން، ވެލެންސިއާގެ ޓީމަށް އިރުޝާދު ދިނުމުގައި އިސްކޮށް ހުރި، އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓާ، އިސްމާއީލް އާސިފް (ކުޑަ ހީނާ) ކުއްލިއަކަށް ގެއްލިޖެ އެވެ. ވެލެންސިއާގެ ޕްރެކްޓިހުން ނުފެނުތާންގައި، ފުޓްބޯޅަ ދަނޑުތަކުން ވެސް ކުއްލިއަކަށް ކުޑަހީނާ އެކަހެރިވީ އެވެ.

އޭނާ އަށް ވީގޮތެއް ނޭނގިފައި ތިބި އެތައް ބަޔަކު ތިއްބެވެ. ގައުމީ ޓީމާއި ކުލަބު ލެވަލުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރާއްޖޭގެ ކުރީގެ އެއް ކުޅުންތެރިޔާ، ހަމަ ކުއްލިއަކަށް ފުޓްބޯޅައިން ގެއްލުމުން އެތައްބަޔަކު އެކަމާ ސުވާލު އުފައްދާނެ އެވެ. ކުޑަހީނާ އަކީ ދިވެހި ފުޓްބޯޅައިގެ ނުފޫޒު ގަދަ ނަމެކެވެ. ދިވެހި ކުޅުންތެރިޔަކު ރާއްޖެއިން ބޭރުގެ ކުލަބަކަށް ގެންދަން އުޅުނު ވާހަކަ، އަލީ އަޝްފާގް (ދަގަނޑޭ) ގެ ކުރިން، [އެވާހަކަ] ލިޔެވިފައި އޮތީ ކުޑަ ހީނާގެ ނަން މަތީގަ އެވެ. އިންޑިއާގެ ފުޓްބޯޅައިގެ ގަދަ ބާރު މޯހަންބަގާންއިން ވަނީ ކުޑަ ހީނާ، އެޓީމަށް ގެންދިއުމަށް 1995 ވަނަ އަހަރު މަސައްކަތް ކޮށްފަ އެވެ.

އޭނާ އެކަހެރިވުމަކީ ދިވެހި ފުޓްބޯޅަ އާއިލާގެ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ. ވެލެންސިއާގެ ހެޑްކޯޗްގެ ގޮނޑީގައި، އޭނާ ނީނަސް، މިދިޔަ އަހަރު ވެލެންސިއާ ހޯދި ކާމިޔާބީގެ މައި ތަނބަކީ އޭނާ އެވެ. އެ ކާމިޔާބީއާ ހަމަޔަށް ވެލެންސިއާ ދަތުރު ކުރީ ކުޑަހީނާގެ ސައްތައިން ސައްތަ ވިސްނުމާއި ފިލޯސަފީ އޭގެ ތެރޭގައި ހިމަނައިގެން ނެވެ.

ދެން އޮތީ ކުޑަ ހީނާއަށްވީ ގޮތެއް ބެލުމެވެ. "ކޮންމެ މީހަކީވެސް ބަލިވާނެ މީހެއް މިވަގުތު ވެލެންސިއާގެ ޕްރެކްޓިހުން ކުޑަހީނާ ނުފެންނަނީ އޭނާ ބަލިވެ އުޅޭތީ، އޭނާ އަކީ [ބަނޑުގައި] ގޭސް [އުފެދުމުގެ] ކަންކަން ވަރަށް ބޮޑަށް ހުންނަ މީހެއް، އަޅުގަނޑުގެ އުންމީދު މިކުރަނީ ވީއެންމެ އަވަހަކަށް އެކަމުން ރަނގަޅު ވެގެން ކުޑަހީނާ އެނބުރި އަންނާނެ ކަމަށް." ކުޑަހީނާއާ ބެހޭގޮތުން ސުވާލު ކުރުމުން ވެލެންސިއާގެ ހެޑް ކޯޗްގެ މަސްއޫލިއްޔަތު އުފުލަމުން އަންނަ އަހްމަދު މުޖުތޮބާ (ފެސްކޯ) ބުންޏެވެ.

ކުޑަހީނާ ފެންނަން ނެތުމުން، އޭނާއާ ބައްދަލު ކުރުމަށް މަސައްކަތް ކުރީމެވެ. ގޭދޮށަށް ގޮސްވެސް، އޭނާ އާ ދިމާވެތޯ މަސައްކަތް ކުރީމެވެ. ފޯނުވެސް ކުރީމެވެ. ބައްދަލެއް ނުވި އެވެ. ނަމަވެސް މި ހަފުތާގައި ފޯނުން އޭނާ ބައްދަލުވި އެވެ.

"އެއީ ތެދެއް، މިއުޅެނީ ބަލިވެ، ޑޮކްޓަރު ބުނެފައި އޮތީ އެހާ ބުރަކޮށް ނޫޅުމަށް، އެހެންވެ މިވަގުތައް ބޯޅައިގެ ކަންތައްތަކާ ދުރައް ޖެހިލައިގެން މިހުރީ،" ކުޑަހީނާ ހިއްސާ ކުރި އެވެ.

ގޭހުގެ ކަންތަކާ ގުޅިގެން އޭނާ އަށް ކުރިމަތިވި އުނދަގޫ ތަކާއެކު، ބޯޅައާ ދުރައް ޖެހިލި ގޮތަށް އޭނާ އެހެން ބައެއް އާދަތަކާވެސް ދުރައް ޖެހިލައިފި އެވެ. މީގެ ކުރިން ވަރަށް ގިނައި ކަޅު ކޮފީ ބުއި ނަމަވެސް، މިހާރު ވަރަށް ބޮޑަށް އެކަން މަދު ކޮށްފި އެވެ.

ގޭހުގެ ކަންތަކާ ގުޅިގެން އޭނާ އަށް މާބޮޑަށް އުނދަގޫ ވެއްޖެ އެވެ. މޫސުމުގެ ގޮތުން ފިނި ވެއްޖެނަމަ އޭނާ އަށް އުނދަގޫ ވެއެވެ. އެހެންވެ އަބަދުވެސް ވަކި ފިނިހޫނު މިނެއް އެކުލެވޭ މާހައުލެއްގައި ހުންނަން އޭނާ މަސައްކަތް ކުރެ އެވެ. އޭނާ އަށް އޮތް ޑޮކްޓަރުގެ ލަފާ އަކީ، އިންޑަސްކޯޕީ ހެދުމެވެ.

"އަހަރެން ޑޮކްޓަރު ގާތު ބުނިން ބުނިން މާލެއިން އެކަން ކުރާކަށް ބޭނުމެއް ނޫނޭ، ރާއްޖެއިން ބޭރުންނޭ ކުރާނީ، ދެން ޑޮކްޓާރު ބުނީ އެހެންވީއިރު އެ ޓެސްޓް ހައްދަންވާއިރަށް ހަށިގަނޑި ފިޒިކަލީ ރަނގަޅު ކުރަން، އެހެންވެ އަމިއްލަ ފިޒިކަލް އެކްސަސައިޒް ހަދަމުން މިގެންދަނީ،"

ބަނޑުގައި ގޭސް ހެދުމުގެ މައްސަލަ އެކަންޏެއް ނޫން

ކުޑަހީނާ އަށް ކުރިމަތި ވެފައި ވަނީ ގޭހުގެ ކަންތައް އެކަންޏެއް ނޫނެވެ. އޭނާ ބުރަކަށީގައި ބޮޑު ގޮށެއް ނަގާފައި އެބަހުއްޓެވެ. ނުވަތަ އެއީ ސިސްޓެކެވެ. އެކަމަށްވެސް އޮޕަރޭޝަން ކުރަން އޭނާ ހުރީ ރާއްޖެއިން ބޭރަށް ދާން ވެފަ އެވެ. ނަމަވެސް އެ ގޮށް ހުރީ ނުރައްކާ މަރުހަލާއެއްގަ އެއް ނޫނެވެ. އެހެންވެ އޭނާ ހުރީ ހަމަޖެހިލައިގެން ރާއްޖެއިން ބޭރަށް ދިއުމުގެ ވިސްނުމެކެވެ.

"ރައްޓެއްސަކާ އެކު އިންޑިއާއަށް ދާން މިކިޔަނީ، އޭނާ އަށް ޗުއްޓި ލިބި ދާން ތައްޔާރު ވެވުނީމަ، ދެން އެހާހިސާބަށްވެސް އަހަރެންވެސް ތައްޔާރުވާނަން،" ހީނާ ބުންޏެވެ.

ފަރުވާއަށް ފަހު އޭނާ އެނބުރި ވެލެންސިއާއިން ފެންނާނެތަ؟

ގިނަ ތަފްސީލު ތަކާއެކު، ހުރިހާ ވާހަކަ އެއް ކިޔައިދިން އިރުވެސް، އޭނާ ޖަވާބު ނުދޭ ސުވާލަކީ މިއެވެ. ވެލެންސިއާ އަށް އެނބުރި އަންނާނެ ކަމެއްވެސް އަދި ނައިސް މަޑު ކުރާނެ ވާހަކައެއްވެސް ނުބުނެ އެވެ.

އޭނާ އަށް މިވަގުތު އެންމެ މުހިންމު ކަމަކީ، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންވާއިރަށް، އެކަމަށް ތައްޔާރު ވުމެވެ. ނަމަވެސް އޭނާ ދޭ ޔަގީން ކަމެއް އެބައޮތެވެ. ފުޓްބޯޅައާ އޭނާ ދުރެއް ނުވާނެ އެވެ. އެއީ ވެލެންސިއާއިން ކަމެއް ނުވަތަ ފުޓްބޯޅައިގެ އެހެން މަސައްކަތެއްގައި ކަމެއްވެސް އޭނާ ނުބުނެ އެވެ. އޭނާގެ ހިދުމަތް ދިވެހި ފުޓްބޯޅައަށް ލިބިލިބި ހުންނާނެ އެވެ.