ކުޅިވަރު

އީގަލްސްއަށް ގޯލާ ބީރައްޓެހިކަމުގެ ނުތަނަވަސްކަން

Apr 24, 2017

ތިރިން ޕާސް ދީގެން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރެއެވެ. މޮޅުވުމަށް ވުރެވެސް އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެއީ އެވެ. ނަމަވެސް މިސީޒަންގައި އީގަލްސް އާއި ސާންތީއަށް އޮތީ މާ ބޮޑު ބޮލުގެ ރިހުމެއް އެބައޮތެވެ.

ގޯލްޖަހަން އީގަލްސްއަށް އޮތް މައްސަލަވެސް ސާންތީއަށް އެނގެ އެވެ. އެއީ ސްޓައިކަރެއްގެ ގޮތުގައި ގެނައި ހޮލެންޑްގެ ޑީކްމަން ޑޮނޯވަން ޑެމިއަން ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމެވެ. އެހެންވެ، ޑޮނޯވަން ފުރަތަމަ 11 އިން ފުރުސަތު ދިނުމުގެ ވިސްނުމެއްވެސް ސާންތީ ނުގެންގުޅެއެވެ. އޭނާ ބުނީ ދިވެހި އެންމެ އަދައިގެ ކުޅުންތެރިޔެއްގެ ފަރާތުންވެސް ފެންނަވަރުގެ ކުޅުންވެސް ޑޮނަވަންގެ ފަރާތުން ނުފެންނަ ކަމަށެވެ.

"އީގަލްސްއަށް މިވަގުތު ބޭނުން ވަނީ ރަނގަޅު ބޭރު ސްޓައިކަރެއް، ދެން މިފަހަރުވެސް އަޅުގަނޑުމެންނަށް ގެނެވުނު މީހާއަކީ، އެންމެ އަދައިގެ ދިވެހި ކުޅުންތެރިންނަށް ބަލައިރުވެސް އޭނަ މާ ދަށް އެއީ އަޅުގަނޑުމެންނަށް މައްސަލަ ޖެހޭތަނަކީ،" ސާންތީ ބުންޏެވެ.

އަނިޔާއަށް ފަހު އަހްމަދު ނާޝިދު (ނާއްޓޭ) އާއި އާއިލީ ސަބަބަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ހުރުމަށްފަހު އެނބުރި އައި އަހްމަދު ރިޒްވާން (ރިޒޭ) އައުމުން އެމައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަަމަށް ސާންތީ އުންމީދު ކުރި އެވެ. ނަމަވެސް އެދެކުޅުންތެރިންނަކީ ސްޓައިކަރުންނަށް ނުވާތީ، ސާންތީއަށް ހިތްހަމަޖައްސާލެވޭކަށް ނެތެވެ.

އިއްޔަ ގްރީންސްޓްރިޓާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، އީގަލްސްއިން ވަނީ ލަނޑުޖަހާނެ ބައެއް ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ. ނަމަވެސް އިއްޔަވެސް އެޓީމަށް ކުރިމަތިވީ ނިންމާ ނުލެވުމުގެ މައްސަލަ އެވެ.

އިއްޔަގެ މެޗަށްފަހުވެސް ސާންތީ ވަނީ އެ މައްސަލައާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ. ލަނޑު ޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ދެން އީގަލްސްއަށް ލިބެން އޮތީ ޖޫން ޓްރާންސްފާ ޕީރިއަޑްގައި އެޓީމަށް ބޭރު ސްޓައިކަރެއް ގެނެވިގެން ނެވެ. ޖޫން ޓްރާންސްފާ ޕީރިއަޑްގައި އީގަލްސް އެންމެ ބޮޑު އިސްކަމެއް ދޭނީ ބޭރު ރަނގަޅު ސްޓައިކަރެއް އެޓީމަށް ގެނައުމަށެވެ.