ރިޕޯޓް

މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް: އިގްތިސޯދީ ބޮޑު އިންގާލެބެއް!

  • ޗައިނާގެ އެއްބަސްވުން ވަނީ ނިމިފައި
  • ހޮންކޮންގް ޔޫކޭއާ އެކުވެސް މަޝްވަރާ ކުރާނެ
  • ދިވެހި ވިޔަފާރިތަކަށް އާ ދޮރުތަކެއް ހުޅުވޭނެ

ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ފަތުރުވެރިކަމާއި މަސްވެރި ކަމަށެވެ. އެއީ ދުނިޔޭގެ އެންމެ ރީތި މަންޒިލްތަކު ތެރެއިން އެންމެ ކުރީ ސަފުގައި ރާއްޖެ ހިމެނޭތީ، އެއިން ލިބޭ މަންފާތަކާއި ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުކަމުގައި ވާތީ ލިބިގަނެވޭ އިގްތިސާދީ ނަފާތަކުގެ މައްޗައް ބިނާކޮށެވެ. އަދި ފަހަކަށް އައިސް ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކުން ވެސް ރާއްޖޭގައި އަންނަނީ ފުޅާވެ، ކުރި ހޯދަމުންނެވެ. އެހެންކަމުން ބައެއް އިގްތިސާދީ މާހިރުން ރާއްޖެ ސިފަ ކުރައްވަނީ ހިދުމަތަށް ބަރޯސާވެފައި އޮންނަ ބާޒާރެއް ގޮތުގަ އެވެ.

ޒަމާނުއްސުރެއް މަސްވެރިކަމާއި ފަތުރުވެރިކަމުގެ މަތީގައި އަޑިޔަށް ނުގޮސް ރާއްޖެ އޮއްވާ މި ސަރުކާރުން ވަނީ ދުރު މުސްތަގުބަލަށް އޭގެ އަސަރުކުރުވާ ގޮތަށް ރާއްޖޭގެ އިގްތިސޯދު އުފުލިގެންދާނެ ގޮތަށް ބައެއް އިގްތިސާދީ ބަދަލުތައް ގެންނަން ފަށައިފަ އެވެ. އެއީ މީގެ ކުރިން އެހެން ސަރުކާރެއްގައި ގެނެސްފައި ނުވާ ބަދަލުތަކެވެ. މި ސަރުކާރުގެ އަމާޒަކީވެސް މިހާތަނަށް ރާއްޖެ ނުދެކޭ ފަދަ އިގްތިސާދީ އިންގިލާބެއް ގެނައުމެވެ.

އޭގެ ތެރޭގައި އެންމެ ބާރު މިނުގައި ހިނގާ އެއްކަމަކީ އެކި ގައުމުތަކާއެކު ފްރީ ޓްރޭޑް އެގްރީމަންޓު ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވައިލުމުގެ މަސައްކަތެވެ. ރާއްޖެއިން ޗައިނާ އާއި ހޮންކޮންއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މި އަހަރު ތެރޭގައި ސޮއި ކުރަން އަމާޒު ހިފާފައިވާއިރު އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަނާއި ޖަޕާނާއި އެމެރިކާއާ އެކުގައި ވެސް ވަނީ އެފަދަ އެއްބަސްވުމެއް އެކުލަވައިލަން ޝައުގުވެރިވެ ވަނީ ހުށަހަޅާފަ އެވެ.

ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ ރާއްޖޭގެ އިގްތިސޯދަށް ގެންނަން އުޅެނީ ކޮން ބަދަލެއް ހެއްޔެވެ؟ އެއިން ރާއްޖެއަށް ވާނީ ގެއްލުންތަކެއް ހެއްޔެވެ؟ ނޫނީ ފައިދާކޮށް އިގްތިސާދު ޖަހާނީ މެކުހަށް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ހޯދުމުގެ ކުރިން ފުރަތަމަ ކަމަކަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ކޮބައިތޯ ބަލައިލަން ޖެހެ އެވެ.

"ފްރީ ޓްރޭޑް އެގްރީމަންޓުގެ ނަތީޖާއަކަށް ވާނީ ދެ ގައުމަށް ވެސް ފަސޭހަ ކަމާއެކު މާ ގިނަ ހުރަސްތަކެއް ނެތި ވިޔަފާރި ކުރަން މަގުފަހިވެގެން ދިޔުން. މިސާލަކަށް އެހެން ގައުމުތަކަށް ކަނޑުމަސް އެކްސްޕޯޓް ކުރާއިރު ސިއްހީ ގޮތުން ބަލާ ބެލުންތަކާއި ކަސްޓަމްސް ތެރޭގައި ފުރަން ޖެހޭ ފޯމުތަކާއި ލޯކަލް އޮތޯރިޓީތަކަށް އެއްތަނުން އަނެއްތަނަށް ހިނގަން ޖެހޭ ޖެހުން ފަދަ ބުރަ މަސައްކަތްތައް ކުރަން ޖެހޭ. އެކަން ވިޔަފާރިވެރިއަކަށް ވެސް ވާނީ ވަރަށް ބޮޑު ތަކުލީފަކަށް. ނަމަވެސް މި އެއްބަސްވުމުގެ ދަށުން އެފަދަ ހުރިހާ ހުރަހެއް ނައްތާލާނެ،" އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. "މިއީ ދުރު ވިސްނުމަކަށް ބަލާނަމަ އިގްތިސޯދީ އިންގިލާބަކާ ދިމާލަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޅުއްވާ ވަރުގަދަ ފިޔަވަޅަކަށް ވާނެ،"

ސައީދު ވިދާޅުވި ގޮތުގައި ފްރީ ޓްރޭޑް އެގްރީމެންޓުތަކުން އެފަދަ ލުއި ފަސޭހަތަކެއް ވިޔަފާރިވެރިންނަށް ލިބުމުގެ އިތުރުން އެ ފަރާތްތަކުން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މުދަލުން ނަގާ ޑިއުޓީތައް ކަނޑާލައި ޓެރިފްތައް ކުޑަވެގެން ދާނެއެވެ. އެފަދަ އެއްބަސްވުމެއް އެކުލަވާލައި ދެ ގައުމަށް ވެސް ހަމަހަމައަށް ފައިދާ ލިބިގެން ދާއިރު އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ލިބިގެން ދަނީ މީގެ ކުރިން ނުލިބޭވަރުގެ ބޮޑު ކުރިއެރުމެކެވެ. އެއީ ބޭރު ގައުމުތަކުގެ ބޮޑެތި މާކެޓުތަކުން ދިވެހި ވިޔަފާރިވެރިންނަށް ޖާގަ ލިބުމާއި އެ ގައުމުތަކުގެ ކުފުންޏެއް ފަދައިން އެއްވެސް ހުރަހަކާ ނުލާ ވިޔަފާރި ކުރުމަށް މަގުފަހިވެގެން ދިޔުމެވެ.

މި ބަދަލުތަކަކީ ދިވެހި ދައުލަތަށް އާމްދަނީ އިތުރުވެ ވަރަށް ބޮޑަށް ފައިދާތަކެއް ކުރާނެ ކަމެކެވެ. އެކަމަށް އިގްތިސޯދީ މާހިރު އެއްބަސްވެ ވަޑައިގަންނަވަ އެވެ.

މިިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޭނުން ކުރާ ތަކެތީގެ އަގުތަކަށް ހެޔޮ ބަދަލެއް އައުމާއި އެތަކެއްޗަކީ އަތް ފޯރާ ފަށުގައި އާންމު ރައްޔިތުންނަށް ފަސޭހަ ކަމާއެކު ލިބޭނެ ތަކެއްޗަށް ވުމަކީ މިފަދަ ނިންމުންތަކުގެ ސަބަބުން ނުކުންނާނެ ހެޔޮ ބަދަލުތަކެވެ.

"މިސާލަކަށް ފަސޭހަކަމާއެކު ގަނެއްވިއްކާނެ ބާޒާރެއް ހަމަޖެހުމުން އެތަނަކަށް ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރި ވިއްކާނެ މީހުން އަންނާނެ. އޭގެ ނަތީޖާއަކަށް ވާނީ ބާޒާރުގެ ކޮމްޕެޓިޝަން ބޮޑުވެ ތަކެތީގެ އަގު ހެޔޮވުން. އަދި ކޮލިޓީ ތަކެތި ރާއްޖެ އެތެރެވާ މިންވަރު ވެސް އިތުރުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖޭގެ އެއާޕޯޓު މިދަނީ ތަރައްގީވަމުން. ސީ ޕޯޓު ކުރިޔަށް އޮތްތާ ތަރައްގީ ވާނެ. އިތުރު ރިސޯޓުތަށް ހަދާ އުމްރާނީ މަސައްކަތްތައް އިތުރު އެބަވޭ. ރާއްޖޭގެ ބެންކުތަކާ ކުންފުނިތައް އަދި ފޮރިން އިންވެސްޓްމަންޓު އިތުރުވަމުން އެބަދޭ. އެހެންވެ އެންމެ އައުލާކަން ބޮޑީ އިގްތިސާދު ފުޅާ ކުރުމަށް ވިޔަފާރިވެރިންނަށް ފަހި މާހައުލަށް ގާއިމްކޮށްދިނުމުގެ ގޮތުން ފަސޭހަ ޕޯޓެއް ގާއިމް ކުރުން. އަދި މިފަދަ ގޮތަކަށް ފްރީ ޓްރޭޑް ކޮންސެޕްޓެއްގައި ރާއްޖެ ދަތުރު ކުރާނަމަ މުސްތަގުބަލުގައި މުޅިން ފްރީ ޕޯޓަކަށްވުން އެންމެ ގާތީ. އެއީ ވަރަށް ބޮޑު ފިޔަވަޅެއް. ރައީސް ޔާމީން ގެންނަވާ އިކޮނޮމިކް ޓްރާންސްފޯމޭޝަންގެ އެއް ތަނބަކަށް ވާނެ،"

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ވެސް ރާއްޖެ އެތެރެ ކުރި މުދަލުން 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްތޯ ސުވާލު އުފެދެ އެވެ.

ސައީދު ވިދާޅުވީ ގޮތުގައި ފްރީ ޕޯޓް ކޮންސެޕްޓަކީ ކުއްލިއަކަށް ހަގީގަތަކަށް ވާނެ ކަމެއް ނޫނެވެ. ބަދަލުތައް އަންނާނީ މަޑު މަޑުން އެތައް ދުވަހެއްގެ ތެރެއިންނެވެ. އެއް ފަހަރާ ޑިއުޓީތައް ކަނޑައެއް ނުލާނެ އެވެ. އަދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރަމުންދާ ވަރަކަށް ވަޒީފާ އިތުރުވެ ފިހާރަތަކަށާއި އިގްތިސާދަށް ކުރިއެރުންތަކެއް ލިބި ގައުމުގައި ފައިސާ ދައުރު ކުރާ މިންވަރު އިތުރުވާނެ އެވެ. އޭގެ ނަތީޖާއަކަށް ވާނީ ވިޔަފާރިތަކުން ދައުލަތަަށް ލިބޭ އާމްދަނީ އިތުރުވެ އަމިއްލަ ފައިމައްޗައް ތެދުވެފައި އޮންނަ ގައުމަކަށް ރާއްޖެވުމެވެ.

"މިނިވަން ވިޔަފާރީގެ ވެއްޓެއް އޮތުމުން ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ އަދަދު ގިނަވާނެ. އޭގެ މާނައަކީ ރާއްޖެއިން ޓްރާންސްސިޓްކޮށްފައި މުދާ ރީ އެކްސްޕޯޓް ކުރަނީއޭ. ނުވަތަ މުދާ ކޮންސިއުމް ކުރާ މިންވަރު އިތުރުވަނީއޭ. ކޮންމެ ގޮތެއް ވިޔަސް އޭގެން ދައްކުވާ ދޭނީ ރާއްޖޭގެ އިގްތިސާދުގެ އެ ބާރު ހުރިކަން. އެހެންވެއްޖެއާ އެއިން ސަރުކާރަށް ނަގާ ޖީއެސްޓީއާ ބީޕީޓީ ނުވަތަ އެހެން ޓެކްސްތަކުން އާމްދަނީ އިތުރު ކުރެވޭނެ. އެ ދުވަހަކުން ބައެއް ގައުމުތަކުގެ ކަސްޓަމް ޓެރިފްއަކީ އެހާ މުހިންމު އެއްޗަކަށް ނުވެދާނެ. ނަމަވެސް މިއީ ދިގު މުއްދަތެއްގެ ތެރޭގައި ވެދާނެ ކަންކަން،" ސައީދު ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ރާއްޖެގެ އިގްތިސާދާ މެދު މިހާތަނަށް ދެކެމުން އައީ ވަރަށް ކުޑަ އެއްޗެއްގެ ގޮތުގަ އެވެ. ޗައިނާ ފަދަ ވިޔަފާރީގެ އެންމެ ބޮޑު ބާޒާރާއެކު ރާއްޖެއިން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަކީ ރާއްޖެއާ މެދު އެ ގައުމުތަކުން ކުރިން ދެކެމުން އައި ގޮތް ބަދަލުކޮށްލާނެ ކަމެކެވެ.